ސުޕްރީމް ކޯޓާ ދެކޮޅަށް ދެ ވަކީލަކު ހުށަހެޅި މައްސަލަ ފައިލް ސުޕްރީމް ކޯޓުން ނަގައިފި

ގާނޫނީ ދެ ވަކީލަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން އެންގުމުން އެ ކޯޓާ ދެކޮޅަށް އެ ދެ ވަކީލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓުން މިއަދު ގެންގޮސްފި އެވެ.
ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށް އެންގީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށާއި ގާނޫނީ ވަކީލް ސ. ހިތަދޫ ފިތުރޯނުގޭ މަސްތޫރު ހުސްނީއަށެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ އެ ނިންމުމާ ދެކޮޅަށް އެ ދެ ބޭފުޅުންގެ ވަކިވަކިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނަށެވެ.
ވަކިވަކިން ހުށަހަޅާފައިވާ އޮތް ދެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ޝަރީއަތުގެ މަޖިލީހަށް ވެއްދުމަށްފަހު އެ މައްސަލަ ބައްލަވާ ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އެ ދެ މައްސަލައިގެ ފައިލް ނެގުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެގޮތަށް ވިދާޅުވެ ގާޒީ ނިހާޔަތު ވަނީ އެ އަމުރު ޝަރީއަތުގެ މަޖިލީހަށް އިއްވައިފަ އެވެ،
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއި ކުރައްވާ ނެރުއްވާފައިވާ އެ އަމުރުގައިވަނީ ސުޕްރީމް ކޯޓުން ނިންމާ އެއްވެސް ނިންމުމަކާ ގުޅިގެން ގާނޫނީ ގޮތުން އެއްވެސް ސުވާލެއް އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން އެ ދެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ޔައުމިއްޔާ ހިމެނޭ ގޮތަށް އެ ދެ މައްސަލައިގެ ފައިލްގައި ހިމެނޭ ހުރިހާ ލިޔުންތަކާއެކު މިއަދު މެންދުރު 12:00 ގެ ކުރިން ފޮނުވުމަށް އަންގާ ކަމަށް އެ އަމުރުގައިވެ އެވެ.
ގާޒީ ނިހާޔަތު ވިދާޅުވީ އެގޮތަށް އަމުރު އައުމާއެކު އެ ދެ މައްސަލަ ބެލުން މި ވަގުތަށް މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އެގޮތަށް ވިދާޅުވެ ގާޒީ ވަނީ މިއަދުގެ ޝަރީއަތް ނިންމަވާލައިފަ އެވެ.
މީގެކުރިން ވެސް ސުޕްރީމް ކޯޓުން ވަނީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގެ ފައިލް ނަގައިފަ އެވެ. އޭރު ނެގީ ރައީސް ނަޝީދުގެ ސަރުކާރުގައި އެމަނިކުފާނުގެ ޕޮލިޓިލަކް އެޑްވައިޒަރު އިބްރާހިމް އިސްމާއިލްގެ އަބުރާ ސުޕްރީމް ކޯޓުން ބެހުނު ކަމަށް ބުނެ އޭނާ ސުޕްރީމް ކޯޓާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑު ކިޔުން ސުޕްރީމް ކޯޓަށް އަމާޒުވި އެވެ. ގިނަ ބަޔަކު ބުނެފައިވަނީ އެގޮތަށް އަމަލުކުރުމުން ގާނޫނު އަސާސީން ލިބިދީފައިވާ އިސްތިއުނާފް ކުރުމުގެ ހައްގު ގެއްލޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ