ކަރަންޓުގެ އަގު ހެޔޮކުރުމަށް ސްޓެލްކޯއިން އިއާދަ ކުރަނިވި ހަކަތައިގެ މެގަ މަޝްރޫއެއް އިއުލާންކޮށްފި

ކަރަންޓުގެ އަގު ހެޔޮ ކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މެގަ މަޝްރޫއެއް ފެށުމަށް ސްޓެލްކޯއިން ނިންމައި، ބޭރުގެ ކުންފުނިތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ސްޓެލްކޯ އިން އިއުލާންކޮށްފައި ވަނީ ބޭރުގެ ކުންފުނިތަކާއި ސްޓެލްކޯ ގުޅިގެން އުފައްދާ ޗޮއިންޓް ވެންޗާ (ޖޭވީ) ކުންފުންޏަކުން އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށެވެ. އެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދާއި ސްޓެލްކޯއިން ކަރަންޓް ދޭ 28 ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިގެ ހާއްސަ މަސައްކަތްތަކެއް ހިންގުމަށް ވަނީ ރާވައިފަ އެވެ.
ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފް މިއަދު "ހަވީރަ"ށް ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން އިއާދަކުރަނިވި ހަކަތައިގެ ދެ ޓެކްނޮލޮޖީއަކަށް އިންވެސްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި އެނބޫދޫ ފިނޮޅާ ދެމެދު ފްލޯޓިން ސޯލާ ޕެނަލްތަކެއް ގާއިމްކުރުމަށް ރާވާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އެ ސޯލާ ޕެނަލްތަކުން ދުވާލަކު މާލެ އަށް ބޭނުންވާ 50 މެގަ ވޮޓްގެ ކަރަންޓް އުފެއްދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ޓާގެޓްކުރާ އަދަދަށް، އެއީ 50 މެގަ ވޮޓް އުފައްދަން އެބަ ބޭނުންވޭ 300 ހެކްޓަރުގެ ބިމެއްގައި ސޯލާ ޕެނަލް ހަރުކުރަން. އެކަމަކު މާލެ ސަރަހައްދުން އެވަރު ބިމެއް ނުލިބޭނެ. އެހެންވެ އެވަރުގެ ކަނޑުގެ ސަރަހައްދެއްގައި ފްލޯޓިން ސޯލާ ޕެނަލްތައް ބަހައްޓައިގެން އެ ގުޅާލާނީ ސްޓެލްކޯގެ މައި އިންޖީނުތަކާ،" ޝަރީފް ވިދާޅުވި އެވެ.
މާލޭގެ ގެތަކުގެ ކަރަންޓް ބިލުން ވަކި އަދަދެއް އުނިވާ ގޮތަށް ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މަޝްރޫއުތަކުގެ ސަބަބުން ކަރަންޓް ބިލުން ގާތްގަނޑަކަށް 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދު އަދަދެއް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސްޓެލްކޯގެ އާމްދަނީގެ 80 ޕަސެންޓް ހަރަދު ކުރަނީ ކަރަންޓް އުފެއްދުމަށް ބޭނުން ކުރާ ތެޔޮ ގަތުމަށެވެ.
"ކަރަންޓް ބިލް އަގުހެޔޮ ކުރަން ބެލިބެލުމުގައި އަޅުގަނޑުމެންނަށް މިފެނުނީ މިގޮތް އެކަނި ކަމަށް މިކަން ކުރެވޭނެ. ތެލަށް ކުރާ ހަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ މި އަހަރުގެ ތެރޭގައި މި ދެ މަޝްރޫއު ފެށި ކުރިއަށް އޮތް ދޮޅުއަހަރު ތެރޭގައި ކަރަންޓް ބިލަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަން ބައެއް މަޝްރޫއުތައް ހިންގި އެވެ. ޝަރީފް ވިދާޅުވީ އެ މަޝްރޫއުތަކުގެ ސަބަބުން މާލޭގައި ބޭނުން ކުރާ އެންމެ އިންޖީނެއް ވެސް ނިއްވާލެވޭ ވަރަށް ކަރަންޓް ނުއުފެއްދޭ ކަމަށެވެ. އަދި ސޯލާ ޕެނަލްތައް ހުއްޓަސް އެތަކެތިން އުފައްދާ ހަކަތަ އިންޖީނުތަކާ ހިސާބަށް ފޯރުކޮށްދޭނެ އޮޓަމެޓިކް ނިޒާމެއް ނެތުމުން އެކަމުގެ ފައިދާ ނުކުރާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފަށާ ޕްރޮޖެކްޓްގައި މި ހުރިހާ ސޯލާ ގްރިޑްތަކަކާއި ސްޓެލްކޯގެ މައި އިންޖީނުތަކާ ގުޅާލާނީ. އަދި އެކަން ކުރަން އޮޓަމެޓިކް ސޮފްޓްވެއާތައް ބޭނުން ކުރަމުން ގެންދާނަން. އެކަމަކު މިހާރު އޮޓަމެޓިކްކޮށް އެކަން ކުރާނެ ސޮފްޓްވެއާ ނެތީމަ މިހާރު ހުރި ސޯލާ ގްރިޑްތަކުގެ ބޭނުމެއް ނުކުރެވޭ. މި ޕްރޮޖެކްޓްގައި އެ ކޮމްޕޯނެންޓް ޑިވެލޮޕް ކުރާނެ. އޭރުން އެއް އިންޖީނު ނަމަވެސް ނިއްވާލެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
އެފަދަ މަޝްރޫއުތަކެއް ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ ކަމަށް ބޭރުގެ ފަރާތްތަކުން ލަފާދީފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެގޮތުން އެކަމަށް ބޭރުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ދާދި ފަހުން އެންވަޔަމަންޓް މިނިސްޓްރީން ވަނީ 15 ރަށެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށް ދޭން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާން ކޮށްފަ އެވެ. ޝަރީފް ވިދާޅުވީ އެ 15 ރަށަށް ވެސް ސްޓެލްކޯއިން މިހާރު ބިޑް ހުށަހަޅާފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގައި އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލްގެ އިތުރުން ކަނޑުގައި އުފެދޭ ރާޅުންނާއި ހާބަ ޖެޓީތަކުގެ ޒަރިއްޔާ އިން ވެސް ކަރަންޓް އުފެއްދުމުގެ ހިޔާލު އެ ކުންފުނިން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ސްޓެލްކޯ އިން އުފައްދާ ޖޭވީ ކުންފުނީގެ ތެރެއިން އެ ޓެކްނޮލޮޖީތައް ތަރައްގީ ކުރުމަށް ވިސްނާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ