މާވަހަރު ޝަރީއަތުގެ ބެލުމުގެ ދަށަށް ގެންދަން އަމުރެއް ނުނެރުނު

''ނަސްރު'' ނަމަކަށް ކިޔާ ދޯންޏަކަށް ފެނުނު 20 ކިލޯއަށްވުރެ ބަރު މާވަހަރުގެ މައްސަލާގައި ކުރާ ދައުވާގައި އޮޑިވެރިޔާ އެދިފައިވާ ފަދައިން، މައްސަލަ ނިމެންދެން އެ މާވަހަރު ޝަރީއަތުގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ އަމުރެއް ނެރެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
އެ މައްސަލައިގަ ދައުވާކުރަނީ ދޯނީގެ އޮޑިވެރިޔާ ގ. ޑްރީމް އޮފް ގާޑެން މުހައްމަދު އަނިލް އެވެ. އޭނާ ދައުވާކުރަނީ އެ ދޯނީގެ ކެޔޮޅު ޅ. ނައިފަރު، ނޫރާނީމާގެ އަބްދުﷲ މުހަންމަދުގެ މައްޗަށެވެ.
އެ މައްސަލައިގެ ދައުވާކުރަނީ މާވަހަރު ބެހުމުގެ މައްސަލާގައި އޮޑިވެރިޔާ އާއި ކެޔޮޅާ ދެމެދު ދެބަސްވުން އުފެދިގެން ނެވެ.
ސިވިލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ގާޒީ އާއިޝާ ޝޫޖޫން މުހައްމަދު ވިދާޅުވީ މާވަހަރު މިހާރު ވަނީ ވަކި ބައެއްގެ ބެލުމުގެ ދަށުގައި ރައްކާކޮށްފައި ކަމަށް ވާއިރު އެއީ ދެ ފަރާތް އެއްބަސްވެގެން ކޮށްފައިވާ ކަމެއްކަން ދެ ފަރާތުގެ ބަހުން ވެސް އެނގޭ ކަމަށެވެ. ނަމަވެސް ޝަރީއަތުގެ ބެލުމުގެ ދަށުގައި މާވަހަރު ބޭއްވުމުގެ އަމުރަކަށް އެދިފައި ވާއިރު އެފަދަ އެއްޗެއް ބެލެހެއްޓޭނެ އުސޫލެއް އަދި ވަސީލަތެއް ކޯޓުގައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން އެދިފައިވާ ވަގުތީ އަމުރު ނެރެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ އިތުރަށް ވިދާޅުވީ އަބްދުﷲ މުހައްމަދުގެ ބެލުމުގެ ދަށުގައި މާވަހަރު ބާއްވައިފި ނަމަ އަބްދުﷲގެ ފަރާތުން އެއަށް ގެއްލުމެއް ދީފާނެ ކަމަށް އަނިލް ބުނި ނަމަވެސް އެއަށް ގެއްލުމެއް ދީފާނެކަމަށް ބެލެވެނީ ކޮންގޮތަކުން ކަން އަނިލް އަށް ބުނެދެވިފައި ނުވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީވަނީ އަބްދުﷲގެ ފަރާތުން އިއްޔެގެ އަޑުއެހުމުގައި ނެގި ދެ އިޖްރާއީ ނުކުތާއާ މެދުވެސް ގޮތެއް ނިންމަވައިފަ އެވެ. އިއްޔެ ނެގި ފުރަތަމަ އިޖްރާއީ ނުކުތާގައި ވަނީ އެ މާވަހަރު ހޯދާފައިވަނީ އަބްދުﷲގެ އިތުރުން އެހެން 14 ފަޅުވެރިންގެ މަސައްކަތުން ކަމަށާއި އެހެންކަމުން ހަމައެކަނި އަބްދުﷲގެ މައްޗަށް ދައުވާނުކުރެވޭނެ ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ އެގޮތަށް އަމަލުކުރުމަކީ ޝަރީއަތުގެ އުސޫލާ ހިލާފް ކަމެއް ކަމަށް އަބްދުﷲގެ ފަރާތުން ބުނެފައިވިޔަސް ހިލާފް ވަނީ ކޮން އުސޫލަކުން ކަމެއް އަބްދުﷲގެ ފަރާތުން ބުނެދީފައިނުވާ ކަމަށެވެ. އެހެންކަމުން މިހާރު ހުށަހަޅާފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ.
އަބްދުﷲގެ ފަރާތުން ނެގި ދެ ވަނަ އިޖްރާއީ ނުކުތާގައި ވަނީ އެ މައްސަލައަކީ ކުރިން ވެސް ކުރިއަށް ގެންގޮސްފައިވާ މައްސަލައެއްކަމުން މައްސަލަ ނިމިފައިވާ ހިސާބުން އަލުން ފެށުމެވެ. މި ނުކުތާގައި ގާޒީ ނިންމެވީ ކުރީގެ މައްސަލާގައި ހުރި ލިޔުންތަކުގެ ތެރެއިން މިހާރުގެ މައްސަލައާ ގުޅުންހުރި ލިޔުންތައް ނެގުމަށް ފަހު މިހާރުގެ މައްސަލަ އާ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލާގައި ކުރިން ކޮށްފައިވާ ދައުވާ ވަނީ އަނބުރާ ގެންގޮސްފަ އެވެ. ކުރީގެ މައްސަލަ ހިނގަމުން ދިޔައިރު އެ މައްސަލަ ނިމެންދެން މާވަހަރު ފިނޭންސްގެ ބެލުމުގެ ދަށުގައި ބޭއްވުމަށް ވަގުތީ އަމުރެއް ނެރެފައިވެ އެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންދިޔައިރު ވެސް، މިހާރު 16 މިލިއަން ރުފިޔާ އަށް އަގު އަރާފައިވާ މާވަހަރު ފިނޭންސާ ހަވާލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ