ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި އިނދެގެން އެތަން ކުރެހި މައްސަލައިގައި ގާނޫނީ ވަކީލަކު ޖޫރިމަނާކުރުމުން އެ ވަކީލް ސުޕްރީމް ކޯޓާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމައިފި އެވެ.
ވަކީލް މުހައްމަދު ޝަފާޒް ވަޖީހު ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި އިނދެ އެތަން ކުރެހި މައްސަލައިގައި އޭނާ 5،000ރ. އިން ޖޫރިމަނާކުރަން އެ ކޯޓުން ނިންމީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު އެވެ.
އެ މައްސަލައިގައި ޝަފާޒް ސުޕްރީމް ކޯޓާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ ސުޕްރީމް ކޯޓަކީ އެ ކޯޓުން ނިންމާ އެއްވެސް ނިންމުމަކާ ގުޅިގެން ޚުސޫމަތެއް އޮންނަންޖެހޭ ފަރާތެއް ނޫން ކަމަށް އެ ކޯޓުން ކަނޑައަޅާފައިވާތީ ޚުސޫމަތެއް ނެތް ފަރާތެއްގެ މައްޗަށް ދައުވާއެއް ރަޖިސްޓްރީކޮށްދެވެން ނެތުމުން ކަމަށް ބުނެ އެވެ.
ސިވިލް ކޯޓުގެ ރަޖިސްޓްރާ އެގޮތަށް ނިންމެވުމުން ޝަފާޒް ވަނީ އެ ނިންމުން ރިވިއު ކުރުމަށް އެ ކޯޓުގެ އިސް ގާޒީއަށް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އިސް ގާޒީ ވެސް ވަނީ ރަޖިސްޓްރާގެ އެ ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ތާއީދުކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓާ ދެކޮޅަށް ޝަފާޒް ހުށަހެޅި ދައުވާގައިވަނީ އޭނާ ޖޫރިމަނާކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ގާނޫނުން ލިބޭ ބާރެއް ބޭނުންކޮށްގެން އެ ކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުރި މީހާ ކަމަށާއި އެގޮތަށް ޖޫރިމަނާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އޭނާ ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލު ހޯދުމަށާއި އޭނާގެ އަތުން ކޯޓުން އަތުލާފައިވާ ތަކެތި ހޯދައިދިނުމަށް ވެސް އެދިފައިވެ އެވެ.
ކޯޓުތަކުގެ ގާނޫނު ބުނާގޮތުން ޝަރީއަތުގެ މަޖިލީހުގެ ނިޒާމާ ޚިލާފްވާފަދަ އަމަލެއް ހިންގައިފިނަމަ އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ. އެގޮތުން 10،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމާއި 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން ހިމެނެއެވެ. އެގޮތަށް އަދަބު ކަނޑައެޅޭކަން އަންގާ ސުޕްރީމް ކޯޓުގައި ކޮންމެ ޝަރީއަތެއް ފެށުމުގެ ކުރިން ވެސް ކޯޓު އޮފިސަރު ބަޔާނެއް އިއްވަ އެވެ.
މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު އޮތް ޝަރީއަތެއްގައި އިނދެ އެތަނުގެ ސްކެޗެއް ކުރެހުމުން ޝަފާޒް ވަކި ކޮޓަރިއަކަށް ގެންގޮސް އެތަނުގައި ގިނަ އިރުތަކެއް ވަންދެން ބެއިންދުމަށްފަހު އަދަބު ކަނޑައެޅުމަށްފަހު ދޫކޮށްލީ އެދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. އޭނާ ޖޫރިމަނާކުރި މައްސަލައިގައި ބާ އެސޯސިއޭޝަނުން ވަނީ އެ ނިންމުމަށް ފާޑު ކިޔައިފަ އެވެ.
ސުޕްރީމް ކޯޓު ކުރެހުމުން ޖޫރިމަނާކުރި ވަކީލް އެ ކޯޓާ ދެކޮޅަށް ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ