ހަތް ރަށެއްގެ އިންޖީނުގޭގެ ހިންގުން ފެނަކަ ކޯޕަރޭޝަނުގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.
އެ ކުންފުނީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިން ހަވާލުވީ ށ. ބިލެއްފައްސާއި މަރޮއްޓާއި މ. މަޑުއްވަރީ އާއި ދ. މާއެނބޫދު އާއި ދ. ރިނބުދޫ އަދި ތ. ގުރައިދު އާއި އެ އަތޮޅު ހިރިލަންދޫގެ އިންޖީނުގެއާ އެވެ.
މި އެއްބަސްވުމުގައި އެ ރަށްރަށުގެ ރަށު ކައުންސިލް މެމްބަރުން ސޮއިކުރެއްވި އިރު ފެނަކަ ކޯޕަރޭޝަނުން ސޮއިކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ.
"ހަވީރާ" ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ މިއަދު ސޮއިކުރި ހަތް ރަށާ އެކު ޖުމްލަ 12 ރަށެއްގެ އިންޖީނުގެ މިހާރު ފެނަކައިގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އިތުރު ރަށްރަށުގެ އިންޖީނުގެ ވެސް އެ ކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގެ އިންޖީނުގެތައް މީގެ ކުރިން ހިންގަމުން އައީ ކުރީގެ ސަރުކާރުން އުފެއްދި ޔުޓިލިޓީސް ކުންފުނިތަކުގެ ދަށުންނެވެ. އެކަމަކު އެ ކުންފުނިތައް އުވާލަން މިހާރު ވަނީ ނިންމައިފަ އެވެ.
ނިމާލް ވިދާޅުވީ އިންޖީނުގެތައް ފެނަކައިގެ ދަށަށް ބަދަލުކުރުމުން، ކުރިން އެތަންތަނަށް ނުލިބޭ ސަމާލުކަން ދޭނެ ކަމަށެވެ.
"]އިންޖީނުގެތައް[ ޔުޓިލީސް އިން ހިންގީ ތިން ހަތަރު އަތޮޅެއް އެއްކޮށްލައިގެން އެއް ރަށެއްގައި ހެޑް އޮފީހެއް ގާއިމުކޮށްގެން. މީގެ ސަބަބުން ހަމައެކަނި އިސްކަމެއް މި ދެވެނީ ހެޑް އޮފީސް ހުންނަ ރަށުގެ އިންޖީނުގެއަށް. މާލެއިން ފޮނުވާ ސާކިއުލާތައް ވެސް ަދަނީ ހަމައެކަނި އެ ތަނަށް. އެހެން ރަށްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވޭ،" ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނަކައިން ކޮންމެ އަތޮޅެއް ވެސް ބަލަހައްޓާނީ ވަކި ވަކިންނެވެ. އަދި އެ އަތޮޅުތަކުގެ އިންޖީނުގެތައް ބެލެހެއްޓުމަށް ވަކި މީހަކު ބަހައްޓާނެ ކަމަށް ނިމާލް ވިދާޅުވި އެވެ.
ހަތް ރަށެއްގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނުގެ ދަށަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ