އިންތިޚާބުގައި ރައްޔިތުުން ދިން އެއްބާރުލުމަށް ފުލުހުންގެ ޝުކުރު

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުން ކުރިއަށްދިޔައިރު މާލެއާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރުއަދާކުރައްވައިފިއެވެ.
މިއަދަކީ އާދަޔާ ޚިާފަށް ހޫނުގަދަ ދުވަހަކަށްވީ ނަމަވެސް އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ވަގުތު އާންމު ރައްޔިތުން ދެއްކި ކެއްތެރިކަމާއި ދިން އެއްބާރުލުން ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ވޯޓުލުން ކުރިއަށްދިޔައިރު ފުލުހުން ދެމުންދިޔަ އިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުން އަމަލުކުރުމަކީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ހުރިހާ ކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައިރު ސަލާމަތީ ގޮތުން ފާހަގަކުރެވޭފަދަ ބޮޑު ކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް މީހަކު ބަންދުގައި ނެތްކަމަށްވެސް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތުންވަނީ މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރެއްވި ބުރަ އަދި އިޚްލާސްތެރި މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމުގައާއި ވޯޓުލާން ދިޔަ ރައްޔިތުންނަށާއި، އޮފިޝަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްދީފައިވާ ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މުޖްތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމަށްވެސް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ