ހުޅުމާލޭ ކޯޓުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލުން މިވަގުތަށް ރަނގަޅު: މެންބަރު ނަޝީދު

ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ނިންމި ނިންމުމަކީ މި ވަގުތަށް ރަނގަޅު ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ އަމިއްލަފުޅު ބްލޮގްގައި ނަޝީދު ވިދާޅުވެފައިވަނީ ކޯޓެއްގެ ސައްހަކަމާ މެދު އުފެދޭ ސުވާލަކީ ވަރަށް އަވަހަށް ނިންމެންޖެހޭ މައްސަލައެއް ކަމަށާއި އަދި އެކަމާމެދު ގޮތެއް ނިންމުން އެންމެ ރަނގަޅީ ރާއްޖޭގެ އެންމެ މަތީ ކޯޓުން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރާ މައްސަލައިގައި ހުޅުމާލޭ ކޯޓުގެ ސައްހަކާ މެދު ސުވާލު އުފައްދައި ރައީސް ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ނުކުތާގައި ހައި ކޯޓުން ގޮތެއް ކަނޑައެޅި ނަމަވެސް ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކާމެދު ކުރެވޭ ސުވާލަށް ނިމުމެއް ނާންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަބަބަކީ ހައި ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ނުވެފައި އެ ނިންމުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ފުރުސަތު އޮތުމުން ކަމަށް ވެސް ގާނޫނީ ވަކީލް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ހުޅުމާލޭ ކޯޓުގެ ސައްހަކާމެދު ކުރެވޭ ސުވާލަށް ފައިނަލް ޖަވާބެއް ދެވޭ ކޯޓަކުން އެ މައްސަލަ ބެލުން ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް ނަޝީދު ވިދާޅުވީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ކުރެވޭ ސުވާލަށް ތިން ފަރާތަކުން ދެ ގޮތަކަށް ވަކާލާތު ކުރަމުންދާ ކަމަށެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުޅުމާލޭ ކޯޓަކީ ގާނޫނާ އެއް ގޮތަށް އުފެދިފައިވާ ކޯޓެއް ކަމަށް ބުނާއިރު ރައީސް ނަޝީދުގެ ވަކީލުން އެއީ ގާނޫނާ ހިލާފް ކޯޓެއް ކަމަށް ވަކާލާތު ކުރަމުންދާކަން މެންބަރު ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދާ ސިވިލް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅުއްވި ވަކީލުން ވެސް ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން ސުޕްރީމް ކޯޓުން މައްސަލަ ބަލާއިރު އެ ތިން ފަރާތް (ޖޭއެސްސީ، ރައީސް ނަޝީދުގެ ވަކީލުން، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ވަކީލުން) ވެސް އެ މައްސަލައިގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ހުޅުމާލޭ ކޯޓާ ގުޅޭ ގޮތުން އެ ފަރާތްތަކުގެ ބަސް ސުޕްރީމް ކޯޓުގައި ހާމަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި އެއީ މައްސަލައިގެ ވަށައިގެންވާ ކަންތައް ސުޕްރީމް ކޯޓުގެ ސަމާލުކަމަށް އައުމުގެ ފުރުސަތު ފަހިވެގެންދާނެތީ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސަބަބަކީ މިހާރު ފެންނަ ފެނުމަށް ބަލާއިރު އެ މައްސަލަ ސުޕްރީމް ކޯޓުން ބަލާނެތީ އެއީ އެންމެ ފަހަރަކު ބެލޭނެ މައްސަލައެއް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ދައުލަތުގެ ނުވަތަ އާންމު މަސްލަހަތެއް އޮތް ކޮންމެ މައްސަލައަކަށް ކޯޓުގެ ހުއްދައާ އެކު ވަނުމުގެ ފުރުސަތު ބަންޑާރަ ނައިބަށް ލިބިދޭތީ ބަންޑާރަ ނައިބު ވެސް އެ މައްސަލައިގެ ތެރެއަށް ވަނުން މުހިންމު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ