ޕީޕީއެމްގެ މެމްބަރުންގެ އަދަދު އިތުރުވެ އެ ޕާޓީ އަށް ލިބެމުން އަންނަ ކާމިޔާބީތަކާ ދޭތެރޭ ކަންބޮޑުވާ ސިޔާސީ ފަރާތްތަކެއް ތިބިކަން އެނގިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލްބީޗު، ބޮޑުތަކުރުފާނު މަގުގައި ޑީއާރުޕީ އޮފީސް ކުރިން ހިންގި ހ. ތެމާ އިމާރާތުގައި ޕީޕީއެމްގެ އާ އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު މައުމޫން ވިދާޅުވީ ޕީޕީއެމަށް ރައްޔިތުން ތާއީދުކުރަނީ ވަކި މީހަކު ހުރެގެން ނުވަތަ ވަކި ބަޔަކު ތިބެގެން ނޫންކަން ސިޔާސީ ފަރާތްތަކުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެ ޕާޓީ އަށް ތާއީދު އޮހެނީ، ޕީޕީއެމްގެ އުސޫލްތަކާއި ހިދުމަތް ރައްޔިތުން ގަބޫލުކުރާތީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ޕީޕީއެމް އަކީ އަބަދުވެސް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ޕާޓީއެއްކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާތީވެ. އެންމެ ފުރަތަމަ ގައުމު މިއީ އަޅުގަނޑުމެންގެ މޮޓޯ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދާނީ އިރާދަކުރެއްވިއްޔާ އެ މޮޓޯގައިވާ ގޮތުގެ މަތިންކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާ. އެހެންވީމަ ދިވެހި ރައްޔިތުންގެ ތާއީދު އަޅުގަނޑުމެންނަށް އޮހެމުން އެދަނީ،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީ އަށް މަސައްކަތްކޮށްފައިވާ އެތައް ބަޔަކު އެ ޕާޓީގެ ތެރޭގައި އެބަތިބި ކަމަށާއި އެ ހިދުމަތްތައް ރައްޔިތުން ބަލައިގަނެފައިވުމަކީ ވެސް ޕާޓީގެ ކާމިޔާބީގެ ސިއްރެއް ކަން މައުމޫން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ބުނެވެން އެބައޮތް އަޅުގަނޑުމެންގެ އިސް ބޭފުޅުން ސަރުކާރު ހިންގަން ތިބިއިރު ރާއްޖެ އަށް އައިސް އޮތް ތަރައްގީ މިއޮތީއޭ. އެތައް ބަނދަރެއް ހަދައިފީމޭ މިތައް ހޮސްޕިޓަލް ހަދައިފީމޭ މިތައް އެއާޕޯޓް ހަދައިފީމޭ މިތައް ރިސޯޓް ހަދައިދީފީމޭ، މިހާ ކުރިއެރުން ރައްޔިތުންނަށް ހޯދައިދީފީމޭ. މިހުރިހާ ވާހަކަތަކެއް ޕީޕީއެމްގައި ތިއްބެވި ބޭފުޅުންނަށް ދެއްކެވެން އެބައޮތް،" މައުމޫން ވިދާޅުވި އެވެ.
އެ އޮފީހާ އެކު އެ ޕާޓީގެ ހަރަކާތްތައް މިހާރަށް ވުރެ އިތުރުވެ، ޕާޓީ
ކުރިއަރުވައި ތަރައްގީކުރުމުގެ ހިތްވަރަކަށް ވެސް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ އޮފީހަށް ޕީޕީއެމްގެ މަސައްކަތައް ބަދަލުކުރުމަށް ކުރި ހުރިހާ އެންމެންނަށް މައުމޫން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އޮފީސް ހުޅުއްވައިދެއްވައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އެ ޕާޓީގެ އެފަދަ ކޮންމެ މުނާސަބަތެއްގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މަރުހޫމް އަފްރާޝީމްގެ ހަނދާންތައް އާވާ ކަމަށެވެ. އަފްރާޝީމް ހުންނެވި ނަމަ ޕީޕީއެމްގެ އެފަދަ ކޮންމެ ކަމަކަށް ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަފްރާޝީމްގެ ފުރާނަ އަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި މައުމޫން ވަނީ ދުއާކުރައްވައިފަ އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އާ އޮފީހަށް ބަދަލުވެވުނީ ޕާޓީ އަށް ވަރަށް އުއްމީދީ ދުވަސްވަރެއްގެ އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މި ބޭއްވުނު ހުރިހާ އިންތިހާބެއްގައި ވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓުން ވަނީ ވަރަށް މަތިވެރި ކާމިޔާބީއެއް ހޯދާފައި. އެއިން ދައްކައިދެނީ ދިވެހި ރައްޔިތުން ޕީޕީއެމް ދެކެވަޑައިގަންނަވާ ގޮތް،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އޮތް އެންމެ ހަރުދަނާ އަދި ރައްޔިތުންގެ ފައިދާ އަށް އެންމެ ބޮޑަށް މަސައްކަތް ކުރާ ޕާޓީ އަކީ ވެސް ޕީޕީއެމްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަނީ އެ ޕާޓީގެ ކެންޑިޑޭޓު ކަމަށް ވިދާޅުވާ ވިދާޅުވުން މައުމޫން ތަކުރާރު ކުރެއްވި އެވެ.
ސިޔާސީ އެހެން ޕާޓީތަކުން ވެސް ތާއީދު ބޭނުން ނަމަ ދިވެހި ރައްޔިތުންނާއި ގައުމުގެ ތަރައްގީ އަށް މަސައްކަތް ކޮށްދިނުމަށް މައުމޫން އިލްތިމާސްކުރެއްވި އެވެ.
ޕީޕީއެމްގެ ކާމިޔާބީއާ ދޭތެރޭ ކަންބޮޑުވާ ސިޔާސީ ފަރާތްތަކެއް އެބަތިބި: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ