ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕުކުރާނެ ބަޔަކު ހޯދަނީ

އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތިން ރިޔާސީ އިންތިބުގެ ދެ ބުރަށް ބޭނުންވާ ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000ރ. ހުށަހަޅަން ޖެހޭ ކަމަށެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 118 ދުވަސް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ އިންތިހާބުގެ ވޯޓު ކަރުދާސް ޗާޕުކުރުމަށް ކުރިމަތިލާ ފަރާތްތަކަށް ޕްރީބިޑް މީޓިންއެއް މި މަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ހުށަހެޅުން އޮންނާނީ މާޗް 11 ވަނަ ދުވަހު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ވޯޓުކަރުދާސް ޗާޕުކުރާ ތަނަކީ މާލޭގައި ހުރި ތަނަކަށް ނުވާނަމަ އެ ހުށަހެޅުން ބާތިލުކުރެވޭނެ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު ހަތްވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި 240،000 އެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ