ރިޔާސީ އިންތިހާބު ބޭއްވަން މާލީ ދަތިކަމެއް ނާންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގެ ހަރަދުތައް ހަމަޖެއްސޭވަރަށް ބަޖެޓް ލިބިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނިކޮށް، ޖިހާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ބަޖެޓް ކުޑަކުރުމުން ދިމާވެފައިވާ މާލީ ދަތިކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ ކަންކަމަށް ހަރަދުކުރަން ޖެހޭ ފައިސާ ހޯދައިދިނުމަކީ ގާނޫނީ ގޮތުން ކުރަންޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންތިހާބަކީ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް. އެކަމަށް ބޭނުންވާ ފައިސާ އަޅުގަނޑުމެން ހޯދާނަން، [އިލެކްޝަންސް ކޮމިޝަނަށް] ދޭނަން،" ޖިހާދު ވިދާޅުވި އެވެ.
މި އަހަރު އިލެކްޝަންސް ކޮމިޝަނަށް ޖުމްލަ ލިބިފައިވަނީ 59 މިލިއަން ރުފިޔާ އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް އެކަނި ވެސް 60 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. ކުރީގެ ރިޔާސީ އިންތިހާބަށް ހަރަދުވެފައިވަނީ 70 މިލިއަން ރުފިޔާ އެވެ.
މި އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ، 2011 ވަނަ އަހަރު ވެސް ކައުންސިލްތަކުގެ އިންތިހާބަށް ހަރަދުވި ވަރު ކަމަށްވާ 45 މިލިއަން ރުފިޔާ އެވެ.
މި އަހަރު ސަރުކާރުން ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓް 15.3 ބިލިއަން ރުފިޔާ އަށް މަޖިލީހުން ކުޑަކޮށްފައިވާއިރު، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރިޔާސީ އިންތިހާބު ބާއްވަން މާލީ ދަތިކަމެއް ނާންނާނެ: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ