ހަވީރު ސްޕޯޓްސް އެވޯޑްސް ހަފްލާ ބާއްވައިފި

ޖުމުލަ ތިން ކުޅިވަރަކުން، 23 އެވޯޑް ދޭ މި ހަފުލާގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ވެސް އޮންނާނެ އެވެ.ހަވީރު ސްޕޯޓްސް އެވޯޑްސް ގެ ފެށުމަކީ 1994 ރާއްޖޭގެ ފުޓްބޯޅަ މޫސުމުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް ރަންބޫޓް ދިނުމެވެ ރަންބޫޓާ އެކު ދެން އައީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޮވަން ފެށި އަހަރެވެ.ރަންބޫޓްގެ ފުރަތަމަ ދެ އަހަރު އެ އެވޯޑް ހޯދީ ބޭރުގެ ދެ ކުޅުންތެރިއެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އަރަމުން އަންނަ ދިވެހި ފޯވަޑުންގެ ހިތްވަރުއެލޭކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ބުނުމާ އެކު ހަވީރުން ކަނޑައެޅީ ރަންބޫޓް ލިބޭނީ ހަމައެކަނި ދިވެހި ކުޅުންތެރިންނަށް ކަމަށެވެ. ހަވީރުން އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް އެވޯޑް ދޭން ފެށީ 1995 ވަނަ އަހަރު އެވެ.ރަންބޫޓުގެ އިތުރުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ދޭން ފެށިތާ ހަ އަހަރުގެ ފަހުން އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު 2001 ގައި ހޮވަން ހަވީރުން ނިންމި އެވެ. ސަބަބަކީ ވޮލީ އަކީ ފުޓްބޯޅަ ނެގުމަށް ފަހު ރާއްޖޭގައި އެންމެ ފޯރިގަދަ ކުޅިވަރަށް ވެފައި، ވޮލީގެ މޮޅު ކުޅުންތެރިންގެ އަގު ވެސް ވަޒަންކުރަން ޖެހިފައިވުމެވެ.ހަވީރުގެ އެވޯޑްތައް ގިނަވުމާއި އެވޯޑް ދޭ ރޭގެ ހާއްސަކަން ބޮޑުވުމުން ފަހުން ހަވީރުން ގަސްދުކުރީ ހަވީރު ސްޕޯޓްސް އެވޯޑްސް ނައިޓްގެ ނަމުގައި އެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން އެވޯޑްތައް ދޭ ރެއަކީ މިހާރު ހަވީރަށާއި ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ އެންމެ މުހިންމު އެއް ރެއަށް ވަނީ ވެފަ އެވެ. އަދި އެވޯޑް ނައިޓްގައި ދޭ އެވޯޑްތަކުގެ ލިސްޓް ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2005 ގައި ހަވީރުން ވަނީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ރެފްރީ އާއި އެންމެ މޮޅު ފުޓްބޯޅަ ކޯޗު ހޮވަން ފަށައިފަ އެވެ.އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ހަވީރުން އެވޯޑް ދޭން ފެށީ 2006 ވަނަ އަހަރުވެ. މި އެވޯޑަށް ކުޅުންތެރިން ހޮވުމުގައި ބެލީ ބާސްކެޓާއި ނެޓްބޯޅަ އާއި ވޮލީބޯޅަ ކުޅޭ ކުޅުންތެރިންނަށެވެ. އެކަމަކު ދެ އަހަރު މި އެވޯޑް ދިނުމަށް ފަހު މިދިޔަ އަހަރުން ފެށިގެން މި އެވޯޑް އުވާލައި، އެންމެ މޮޅު ބާސްކެޓްބޯޅަ އާއި ނެޓްބޯޅަ އާއި ވޮލީބޯޅަ ކުޅުންތެރިޔާ ވަކިވަކިން ހޮވަން ފެށި އެވެ. ގިނަ ބަޔެއްގެ ތެރޭގައި މަގުބޫލުކަމެއް ހޯދަމުންދާ ބާސްެކެޓްބޯޅަ ކުޅޭ ކުޅުންތެރިންނަށް ހިތްވަރަކާއި އެ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަވީރުން އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޮވަން ފެށީ 2007 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ