އީރާނުގެ ތެޔޮ ވިއްކުމަށް އޮތް ހުރަސްތައް އެމެރިކާއިން އިޢާދަކޮށްފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ތެޔޮ އުފުލާ ބޯޓުތަކަކަށް ޙަމަލާދިން ކަމުގައި ތުހުމަތުކޮށް، އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިޢާދަކޮށްފިއެވެ. އެމެރިކާގެ މާލީ ވުޒާރާއިން މި ފިޔަވަޅު އެޅީ އެމެރިކާއާއި އީރާނުން ސޮއިކޮށްފައިވާ ނާޒުކު އިބުތިދާއީ އެއްބަސްވުމުގެ ދަށުން އޮގަސްޓު 21 އާ ހަމައަށް ދީފައިވާ ލުއިތައް އުވައިލައި، ޖުލައި 17 އަށް އެ މުއްދަތު ކުރުކުރުމަށް ފަހުއެވެ. މި ނިންމުމާއެކު، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ %5 އަށްވުރެ މައްޗަށް އުފުލިފައެވެ.
އީރާނުގެ ތެލުގެ ވިޔަފާރިއަށް ހުރަސްއެޅުމުގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ އެކި އަމާޒުތަކަށް ވަރުގަދަ ޢުދުވާނީ ހަމަލާތަކެއް ދޭން ފަށާފައެވެ. ހުރްމުޒުން ދަތުރުކުރި އުޅަނދުފަހަރަށް އީރާނުން ޙަމަލާދީފައިވާ ކަމުގައި ތުހުމަތުކޮށް އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، އެމެރިކާއިން ދީފައި ވަނީ ރައްދު ޙަމަލާތަކެއް ކަމުގައެވެ. ނަމަވެސް، މި ޢުދުވާނީ ޙަމަލާތަކުގެ ފުޅާ މިނާއި އަމާޒުތަކުގެ ތަފުސީލު ސެންޓްކޮމުން ހާމައެއް ނުކުރެއެވެ. ކަނޑުމަގުން ކުރާ ވިޔަފާރިއާ ބެހޭ އިނގިރޭސިވިލާތުގެ އިދާރާއިން (ޔޫކޭއެމްޓީއޯ) ވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ ތިން އުޅަނދަކަށް ޙަމަލާތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އެ ޙަމަލާތަކުގެ ފަހަތުގައި އޮތީ އީރާން ކަން ޔޫކޭއެމްޓީއޯއިން ތުހުމަތުކޮށްފައެއް ނުވެއެވެ.
ތެލުގެ ވިޔަފާރިއަށް އޮތް ހުރަސްތައް އިޢާދަކުރުމަކީ ދެ ފަރާތުން ސޮއިކޮށްފައިވާ އިސްލާމްއާބާދު އެއްބަސްވުމުގެ 15 ވަނަ މާއްދާއާ ފާޅުގައި ޚިލާފުވުން ކަމުގައި ބުނެ ތެހްރާނުން ވަނީ އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރިތާ 20 ދުވަސް ވެސް ފާއިތުނުވަނީސް އެމެރިކާއިން ފިޔަވަޅުތައް އިޢާދަކުރުމުން، ވޮޝިންގޓަނަށް އިތުބާރުކުރެވެން ނެތްކަން ހާމަވެގެން ގޮސްފައިވާ ކަމުގައި އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ. އަދި ޤައުމީ މަޞްލަޙަތާއި ސަލާމަތް ދިފާޢުކުރުމަށް ބޭނުންވާ ކޮންމެ ފިޔަވަޅެއް ތެހްރާނުން އަޅާނެ ކަމުގެ އިންޒާރު ވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.
އީރާނާއި ޢުމާން ދެމެދު އޮންނަ ހުރްމުޒް ކަނޑުއޮޅިއަކީ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ އެންމެ މުހިންމު އެއް މަގެވެ. މި މަގަށް ބުރޫއަރައިފިނަމަ ހަކަތައިގެ އަގުތައް އުފުލި، ޢާންމު ފަރުދުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭނެއެވެ. ރެޕިޑަން އެނަރޖީ ގުރޫޕުގެ ރައީސް ބޮބް މެކްނެލީ ވިދާޅުވީ، އައު ޙަމަލާތަކާއެކު އެމެރިކާއާއި އީރާނުން ސޮއިކޮށްފައިވާ އިބުތިދާއީ އެއްބަސްވުމުގެ ނާޒުކުކަމާއި، ބަލިކަށިކަން ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. އެންމެ ފަހުގެ ޙަމަލާތަކުގެ ސަބަބުން ދެ ޤައުމުގެ މަޝްވަރާތަކަށް ހުރަސްއެޅުމުގެ ބިރު ބޮޑުވެފައިވީ ނަމަވެސް، ދާއިމީ އެއްބަސްވުމަކަށް ދިއުމަށް ދެ ޤައުމުގެ އޮފިޝަލުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ