އިންތިހާބު ފަސްކުރަން ހުށަހެޅި މައްސަލައަށް މައުމޫން ވަދެއްޖެ

އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ދެ މަހަށް ފަސްކޮށްދިނުމަށް އެދި، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ވަނުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުށަހެޅި ހުށަހެޅުން ސިވިލް ކޯޓުން ބަލައިގެންފި އެވެ.
ސިވިލް ކޯޓުން ވަނީ އެ މައްސަލައަށް މާދަމާ ހެނދުނު 10:30 އަށް ކޯޓަށް ހާޒިރުވުމަށް މައުމޫންއަށް އަންގައި މިއަދު ޗިޓް ފޮނުވާފަ އެވެ.
މައުމޫން ވިދާޅުވެފައިވަނީ، ކައުންސިލް އިންތިހާބު ފަސްކޮށްފިނަމަ ގާނޫނީ ހުސްކަމަކަށްދާނެ ކަމަށެވެ. އަދި އެ މައްސަލައަކީ ޕީޕީއެމްގެ އަމިއްލަ މަސްލަހަތު ދިފާއުކުރުމަށްޓަކައި، އެހެން ހުރިހާ ސިޔާސީ ޕާޓީތަކާ ކެނޑިޑޭޓުންގެ މަސްލަހަތު ގެއްލޭގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލާގެ ތެރެއަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީ ވެސް ވަނީ ވައްދާފަ އެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރު ވިދާޅުވީ މައްސަލައިގެ ތެރެއަށް އެމްޑީޕީއިން ވަނުމަށް ނިންމީ ކައުންސިލް އިންތިހާބަށް އެމްޑީޕީއިން ގިނަ ތައްޔާރީތަކެއްވެ މިހާރު ވެސް ތައްޔާރުވަމުންދާއިރު އެ އިންތިހާބު ފަސްކޮށްފިނަމަ އެ ޕާޓީއަށް ބޮޑެތި ގެއްލުންތަކެއްވާނެތީ ކަމަށެވެ.
ޕީޕީއެމްއިން ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނީ، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެ ޕާޓީއަށް ވެވިފައިނުވާތީ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ