އެމެރިކާގެ އަސްކަރިއްޔާއިން އިރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، ރައްދުގައި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އުޅަނދުތަކަކަށް ހަމަލާދީފައިވާ ކަމަށް އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.
މި ކުރިމަތިލުންތައް އިތުރުވެފައިވަނީ އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އިރާނުން މާ ގިނަ ވަގުތު ނަގަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި ބުދަ ދުވަހު އިރާނަށް ހަމަލާދޭން ފެށީ އިރާނުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުން ދިފާއުވުމުގެ ގޮތުންނެވެ.
މި ހަމަލާތަކަށް ފަހު އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިއާރުޖީސީން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް ހަމަލާދީފަ އެވެ. ފާއިތުވި ދުވަސްތަކުގައި ދެ ގައުމުން ވެސް ދަނީ އެއްބަޔަކު އަނެއްބަޔެއްގެ އަސްކަރީ މަރުކަޒުތަކަށާއި ޖާސޫސީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ. މީގެ ސަބަބުން މިދިޔަ އޭޕްރީލް މަހު ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު ވަނީ ނުރައްކަލުގެ ތެރޭގައެވެ.
މި ހަމަލާތަކާ ގުޅިގެން ގަލްފުގެ ގިޝްމް ޖަޒީރާގެ އިތުރުން ބަންދަރު އައްބާސް އަދި ސިރިކް ފަދަ ސިޓީތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި ހޮރްމޫޒް ކަނޑުއޮޅި މިހާރު ވަނީ ހުރިހާ ބާވަތެއްގެ އުޅަނދުފަހަރަށް މުޅިން ބަންދުކޮށްފައެވެ. ނަމަވެސް އެމެރިކާގެ ސެންޓްކޮމް އިން ބުނެފައިވަނީ ވިޔަފާރި އުޅަނދުތައް އަދިވެސް އެ ސަރަހައްދުން ދަތުރުކުރަމުންދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތު ސޯޝަލްގައި ލިޔުއްވާފައިވަނީ، އިރާނުގެ ވެރިން އެއްބަސްވުމަކަށް އައުމަށް މާ ގިނަ ވަގުތު ނަގަމުންދާ ކަމަށާއި، އެހެންކަމުން އިއްޔެ ދިން ހަމަލާތަކަށްވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ.
މީގެ ރައްދުގައި އިރާނުގެ ފޮރިން މިނިސްޓްރީޏް ބުނެފައިވަނީ އެމެރިކާއިން ފޮނުވާ ފުށުއަރާ މެސެޖުތަކުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމަށެވެ. އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވީ އެއްވެސް ފިއްތުމަކަށް ނުވަތަ ބިރުދެއްކުމަކަށް އީރާނުން ދޫނުދޭނެ ކަމަށެވެ.
އެމެރިކާގެ ބުނީ އިރާނުގެ މުހިންމު މަރުކަޒުތަކަށް ބޮން އެޅުން ކުރިއަށްދާނެ ކަމަށެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މެދުއިރުމަތި މިހާރު ވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އަދި މިހާރު ފެންނަމުންދާ ހަމަލާތަކުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތީ ހަމައެކަނި ނަމެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހުރިހާ ފަރާތްތަކަކުން ވެސް ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަށާއި، އިތުރު ހަމަލާތައް ނުދިނުމަށް ގުޓަރޭޒް ވަނީ ގޮވާލައްވާފައެވެ.
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ބޯޓުތަކަކަށް ހަމަލާދީފި ކަމަށް އިރާނުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ