ބޮޑު މުސާރަ ދިންވަރަކަށް ނަގާ ރިޝްވަތާއި ކުރާ ވައްކަން ގިނަ

ރާއްޖޭގައި ޒިންމާތަކާ މަތިވެގަނެގެން ވެރިންނޭ ކިޔައިގެން އުޅޭ މީހުން ލަދުހަޔާތް ގަންނާނީ ކިހިނެއް ހެދީމާހެއްޔެވެ. އެއްޗެއް ލިބިގެން ހިތްފުރޭނީ ކިހާވަރެއް ވީމާހެއްޔެވެ. ރިޝްވަތާއި ކޮރަޕްޝަނުން މިންޖުވެވޭނީ ކިހާ ވަރެއް ލިބިގެން ހެއްޔެވެ. 
2007ގެ ގާނޫނު އަސާސީއާއި އެކު ރައީސާއި ވަޒިރުންނާއި މެންބަރުންނާއި ފަޑިޔާރުންގެ މުސާރައާއި އިނާޔަތް އުފުލިގެން ދިޔައީ އިންތިހާއަށެވެ. މުއައްސަސާތަކުގެ އިސްވެރިންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މުސާރައާއި އިނާޔަތްތައްވެސް އުފުލިގެން ދިޔައެވެ.
އިހު ހުރިވަރަށްވުރެ އެތައް ގުނައެއް ބޮޑިކޮށް ޖުމްލަކޮށް ހުރިހާ ވެރިންގެ އިނާޔަތާއި މުސާރަ ބޮޑުކޮށް ދައުލަތުން ދޭންފެށިއެވެ. 7 ހާހުގައި ހުރި މަޖިލިސް މެންބަރުގެ މުސާރަ 70 ހާހަށްވުރެ މައްޗަށް ދިޔައެވެ. ތިރީހަކަށް ހާސް ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ދައުލަތުން ނުދޭ ސިޔާސީ މީހަކު މަދުވާނެއެވެ. ފަނޑިޔާރުްނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވެސް ބޮޑު މުސާރައާއި އިނާޔަތް ކޮންމެ މަހަކު ލިބެއެވެ.
ދައުލަތުގެ ޒިންމާތަކާ މަތިކޮށްފައިތިބޭ މީހުނަށް މުސާރަތަކާއި އިނާޔަތްތައް ބޮޑުކުރީ ނުދަރާ ނުވިކި ތާހިރު ދިރިއުޅުމެއް ހޯދާދިނުމަށެވެ. ރިޝްވަތާއި  ކޮރަޕްޝަނުން ސަލާމަތްވެ ތިބެ ގައުމީ ހިދުމަތުގައި ނަޒާހަތްތެރިކޮށް ބޭތިއްބުމުގެ މާތް މަގުސަދުގައެވެ. 
ސުވާލަކީ ދައުލަތުން ކުރާ އެ ބޮޑު ހޭދައިގެ މަގުސަދު ހާސިލުވޭހެއްޔެވެ. ޖެހުނު ތާކުން ލިބުނު ގޮތަކަށް ދައުލަތުގެ މުދަލާ ފައިސާ ބޭނުންކުރުން ދެވޭ ބޮޑު މުސާރައާއި އިނާޔަތުގެ ސަބަބުން ހުއްޓުނުހެއްޔެވެ. ރިޝްވަތުނެގުމާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުން ނުއްޓުނު ހެއްޔެވެ. 
ނޫނެކެވެ. ނުހުއްޓުނުތާ އިހުނަށްވުރެ ހިޔާނާތާއި އިސްރާފާއި މަގާމުގެ ނާޖާއިޒު ފައިދާނެގުން އޮތީ މެކުހުގައެވެ. ރިޝްވަތު ނެގުމާއި ރިޝްވަތު ދިނުމުގައި ހިސާބެއް ކިތާބެއް ނެތެވެ. ދައުލަތުގެ މުދަލާއި ފައިސާ އިސްރާފްކުރުމުގައި މަސްލަހަތު ހުންނަ ފަރާތްތަކަށް ނާޖާއިޒު މަންފާ ހޯދާދިނުމުގައި ވަކިތަނެއް ވަކި މީހެއްނެތެވެ. އެންޓި ކޮރަޕްޝަން ހަދައިގެން ތިބެވެސް ހިންގަނީ ކޮރަޕްޝަނެވެ.  
ވާނީވެސް އެހެންތާއެވެ. އަދުލު އިންސާފުގެ ކަންފުޅެއްވެސް ނެތެވެ. ބާރާއި ނުފޫޒުގައި ހުންނަ މީހާއާއި އެމީހާގެ ރުހުން ލިބިފައިތިބޭ މީހުންގެ މައްޗަށް ހިނގާ ގާނޫނެއް ޝަރީއަތެއް ނެތެވެ. ހިޔާނާތާއި ފަސާދައިގެ ތެރެއިން ދައުލަތަށް ގެއްލޭ ހަތަރު އަނާއެއްހާ ހިސާބުވެސް އަނބުރާ ދައުލަތަކަށް ނުލިބެއެވެ. 
އަދުލު އިންސާފު އަރުއްވައިގަތުމުން ވާނީ އެހެންތާއެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންގެ މައްޗަށްވެސް ޖިންސީ ގޯނައިގެ ތުހުމަތެއް ކޮށްލުމުން ސަސްޕެންޑް ކުރެވެއެވެ. އެކަމަކު ރާއްޖޭގައި ވާކަމެއް ހަރާމެވެ. ރައީސް އޮފީހުގެ ހުރުމަތްކަނޑާ ވެރިންގެ ތެރޭގައި އާއްޔާޝީކަން ފެތުރި ކުށުން ތަތްތޭޅުނަސް ވަރިހަމައެވެ. ހޭއަހާލާނެ ފަރާތެއްނެތި އެވާހަކަ ދައްކާ މީހުން ކުށްވެރިވާ އިންސާފެއް ނެތް ގައުމެއްގައި ދައުލަތް ވީދާ ނޮޅާކެއުމަކީ ކެރުމެވެ. ގަދަކަމެވެ. އަދުލު އިންސާފަކީ ވެރިންގެ ނިވާފަތް ގަނޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ