ހޮރްމޫޒް ބަންދު، ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދޭނަން: އީރާން

ހަލަބޮލިވެފައިވާ މެދުއިރުމަތީގެ މަސްރަހުގައި ސަލާމަތީ ކަންކަން އިތުރަށް ގޯސްވެ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރާ އެކު އެ ސަރަހައްދު އެއްކޮށް ބަންދުކޮށްފި ކަމަށް އީރާނުގެ އަސްކަރިއްޔާއިން މިއަދު އިއުލާންކޮށްފިއެވެ.
އީރާނުގެ މި ނިންމުން އައީ ގާނޫނާ ހިލާފަށް އެ ކަނޑުއޮޅި ހުރަސްކުރަން އުޅުނު ދެ ބޯޓަކަށް ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިން ހާމަކުރުމާ އެކުގައެވެ.
އީރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ކުރަމުންދިޔަ މަޝްވަރާތައް ނާކާމިޔާބުވުމުން، ވަކި ގޮތެއް އަންގަންދެން ފާރިސީ ކަނޑުއޮޅިއާއި އުމާން ކަނޑާ ގުޅޭ ބަނދަރުތަކުން އެއްވެސް އުޅަނދެއް ނުނިކުތުމަށް ވެސް ވަނީ އަންގައިފައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިއާ ކައިރިވާ ކޮންމެ ބޯޓަކީ ދުޝްމަނުންނަށް އެއްބާރުލުންދޭ އުޅަނދެއްގެ ގޮތުގައި ބަލާނެ ކަމަށް އީރާނުގެ އަސްކަރީ ކޮމާންޑުން ބުނެފައިވެއެވެ.
މި ނުތަނަވަސްކަން ބޮޑުވެފައި މިވަނީ މަޝްވަރާތަކުގައި އީރާނުން ހުރަސްއަޅާ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދިމަށްފަހު، ބުދަ ދުވަހު އެމެރިކާއިން އީރާނަށް އަމާޒުކޮށް އާ ވައިގެ ހަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ހަމަލާތައް އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކަށާއި ރާޑަރުތަކަށް އަމާޒުވެފައިވާ އިރު، މިއަދު ވެސް އެ ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުން މިހެން ބުނި ނަމަވެސް، އެމެރިކާ ސަރުކާރުން ވަނީ ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އެމެރިކާއިން ބުނާ ގޮތުގައި އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އީރާނުގެ އަސްކަރިއްޔާއަކަށް ނެތެވެ.
ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އެންމެ މުހިންމު އެއް ކަނޑުގެ މަގެވެ. މެދުއިރުމަތީގެ ގައުމުތަކުން އުފައްދާ ތެލުގެ ބޮޑު ބައެއް ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ކުރަނީ މި ކަނޑުއޮޅި ހުރަސްކޮށެވެ. ދުނިޔޭގައި ބޭނުންކުރާ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅާ އެއްބައި ދަތުރުކުރާ މި ހަނި ކަނޑުއޮޅީގެ ސަލާމަތީ ކަންކަމަށް ބުރޫއެރުމަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަގުތުން ކުރާނެ ކަމެކެވެ.
އީރާނާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ފާއިތުވީ އަހަރުތަކުގައި ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ހޮރްމޫޒް ކަނޑުއޮޅިއަކީ މި ދެ ގައުމުގެ އަސްކަރީ ބާރުވެރިކަން ދައްކާލުމަށް ބޭނުންކުރާ މައިގަނޑު މައިދާނަށް ވެސް ވަނީ ވެފައެވެ. މީގެ ކުރިން ވެސް އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިވި ދަނޑިވަޅުތަކުގައި، އެ ގައުމުން ވަނީ މި ކަނޑުއޮޅި ބަންދުކޮށްލާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދީފަ އެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދިނުމާއި، އުޅަނދުފަހަރު އީރާނުގެ ބާރުގެ ދަށަށް ގެންދިއުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެއެވެ.
މިފަހަރުގެ ނުތަނަވަސްކަން އުފެދެން މެދުވެރިވީ، އެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށާއި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ބައިނަލްއަގުވާމީ މެދުވެރިން މެދުވެރިކޮށް ކުރަމުންދިޔަ މަޝްވަރާތައް އެއްކޮށް ހުއްޓުމަކަށް އައުމާ ގުޅިގެންނެވެ. މަޝްވަރާތައް ކުރިއަށް ނުގޮސް ފެއިލްވީ އީރާނުގެ ސަބަބުން ކަމަށް ބުނެ އެމެރިކާއިން ބާރުގެ ބޭނުންކުރަން ފެށުމުން، މިއީ އީރާނުގެ ސިޔާދަތަށް އަރައިގަތުން ކަމަށް ބަލައި އީރާނުން ވެސް ވަނީ އެ ގައުމުގެ އަސްކަރީ އެންމެ ވަރުގަދަ ކާޑު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގެ ބޭނުން ހިފަން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ