ބަނަފުސާ 7

"އަހަރެމެންނަށް ލިބިފައިވާ އެންމެ އަގުބޮޑު އެއް ނިއުމަތަކީ ތަވައްކުލްއެވެ. އެއީ ތިމާގެ ފަރާތުން ކުރަންޖެހޭ ހުރިހާކަމެއް އެންމެ ފުރިހަމައަށް ކުރުމަށްފަހު ބާކީ އޮތްބައި އުޑުތަކާއި ބިންތައް މިލްކުވެވޮޑިގެންވާ އިލާހަށް ދޫކޮށްލުމެވެ." *** އެމިލީއަށް ހިނިތުންވެވުނީ އެވަގުތުކޮޅަށް ނަމަވެސް ހިތަށް ތަސައްލީއެއް ލިބުމުންނެވެ. އޭނަގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދަލްގެ ލާނެތްކަމާއި މި އާއިލާގެ މެދުފަންތީގެ ވިސްނުމުގެ ތެރޭ ތާށިވުމެވެ. ޒިހާމްގެ މިޚަބަރުން އޭނައަށް މިއީވެސް "ޕެރިސް"ފަދަ ތަަނަކަށް ހެދިދާނެކަމުގެ އުއްމީދު ލިބުނެވެ. ކާކޮޓަރިތެރޭގައި ހުރި ސިދްރާ ހުރީ ހިރިލަންވެސް ނޭގިފައެވެ. އެންމެންވެސް ދެކެނީ އުފާވެރި ހުވަފެންތަކެވެ. އަދަލްއަށްވެސް މި ޚަބަރު އެނގެންވާނެއެވެ. *** ސިދްރާގެ ކޮޓަރިއަށް އެހެން މީހަކު ވަނުމުގެ ހުއްދައެއް ނޯވެއެވެ. ރޭގަނޑު އިޝާނަމާދަށްފަހު ކައިގެން ސިދްރާ ކޮޓަރިއަށް ވަންނަގޮތަށް ވާހަކަދައްކާ އަޑާއި ހީހަނދާ އަޑު އަހާފައި ސަރަފީނާ ގަންނާކުރައްވާ ބިރުން ގޭގެ އެބަޔަށް ނުވެސް ދެއެވެ. ދުވާލުވިޔަސް އެކޮޓަރިއަށް ވަނުމަށް އޭނަގެ ޟަމީރު ދެކޮޅުހަދައެވެ. އެކޮޓަރި ތަޅުލައިގެން ސިދްރާ އެތަނަށް ލައިގެން އުޅެންޏާ އެއީ އިންސާނަކަށް ނުވާނެކަން ޔަގީނެވެ. އެވަރުން މީހަކު ފޮރުވާނީ ދެން ކޯނޗެއްހެއްޔެވެ؟ އެކަމާއި ވިސްނިވަރަކަށް ސަރަފީނާގެ ހިތުގައި ޝައްކާއި ވަހުމް ބޮޑުވެ ބިރުވެރިކަމުންގޮސް ނަފްސާނީވާ ހިސާބަށް ހިނގައްޖެއެވެ. އޭނައަށް މިދުވަސްކޮޅު އަވަށްޓެރިއަކަށް މޫނު ދައްކައިލުމަކީވެސް ލަދުވެތިކަމަކަށްވެއްޖެއެވެ. އަދަލްއާއި ކައިވެނިކުރަން ނޯޔާ އިންކާރު ކުރުމާއި އަދަލްގެ ބޮލުގައި މަސްތުވާ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތު އެޅުވުމުން ސަރަފީނާގެ ހިތް ހަލާކުވާވަރުވެއެވެ. އޭނައާއި އެއްބަނޑު އެއްބަފާ ދައްތައާއި އެހެން މީހުންނާއިވެސް އެހާ ގުޅުން ރަގަޅެއްނޫނެވެ. އޭނައާއިމެދު އެންމެން ދަށް ނަޒަރަކުން ދެކޭތީ އެކަމާއި ހިތުގައި އެކިކަހަލަ ޖަޒުބާތުތައް އުފެދި އެންމެނާއިމެދު ހިތް ގޯސްވެފައިވަނީއެވެ. އޭނަދެކޭގޮތުން އޭނަގެ މަންމަވެސް އޭނައާއި ދަރިފުޅަށް ތަފާތުކުރަނީ އެމީހުންނަކީ ނިކަމެތިންނަށް ވީމައެވެ. އެންމެން މުއްސަދިކަމުގެ ރާހަތް ހޯދަމުންދާއިރު އޭނައާއި އަދަލް އުޅެނީ މި މުސްކުޅި ގޭގަނޑުގައެވެ. އަދަލްގެ މޮޔަކަމުން ނޫނީ ހިތް ސާފުކަމުން އެހެން މީހުން ތަފާތުކުރާކަމެއް ރޭކާނުލާ އެމީހުންގެ ގާތަށް ދަނީއެވެ. ސަރަފީނާ ނަމާދުކޮށްގެން އާދޭހާއިއެކު ރޮއި ދުއާކުރެއެވެ. ސިދްރާ ކައި ނިމިގެން ތަށިތައް ދޮވެފައި ކޮޓަރިއަށް ވަންނަން ދިޔުމުން ސަރަފީނާ އަދަލްގެ އަތުގައި ހިފައިގގެން ގޮސް ކޮޓަރިއަށް ވަނެވެ. އެކޮޓަރީގައިވެސް ހުންނަނީ އެންމެ ވަކަރު އެނދަކާއި އަލަމާރިއެކެވެ. އެއްފަރާތުގައި މޭޒެއް ބަހައްޓާފައިވާއިރު ފާރުގައި ކޮންމެވެސް ވަރަކަށް ގުރުއާންގެ އާޔަތްތައް ހުރި ފްރޭމްތަކެއް އަޅުވާފައެވެ. "އަދަލް...ސިދްރާ މިގެއަށް އައިފަހުން މިގެ ނާމާން ވެއްޖެ..ހަގީގަތުގައިވެސް އޭނަ އެ ވާހަކަދައްކަނީ ޖިންނިއަކާއި...ޖިންނި ފިރިޔަކު ހުރޭ..ރޭގަނޑު އެކޮޓަރީގައި ހުރެގެން ވާހަކަދައްކާ އަޑު އިވޭ، ކޮންމެ ރެއަކަށް ވިއްސާރަވެސް އެބަވޭ..އެންމެން މޮޔައެކޭ ކިޔަން ފަށައިފި...ބޮޑު ބަދުނާމެއް....މަންމަ ވަރަށް ބިރުއެބަގަނޭ..މިރޭވެސް ބޮލުގައި ރިއްސަން ފަށައިފި...ސިހުރުކަންތައް ލައިގަނެފައި މިއޮންނަނީ. ކުރީދުވަހު މޫސާބެ ބުނި ޖިންނިންނާއި ހަވާލުކޮށްފައި ތިބޭ ގޭގައި ބައެއްފަހަރު އެ އުޅޭ ޖިންނި އާއިލާއިން ކޮންމެވެސް އެކަކާއި އަވަލައިގެން އުޅެއޭ..މަންމައަށް ހީވަނީ ސިދްރާ އައީމަ އެކަމެއް ލައިގަނެގެން އުޅެނީހެން............."" ސަރަފީނާ އެނދުގައި އޮށޯވެލިއެވެ."މަންމަ ނިދެން ދެން މިކޮޓަރީގައި އޮންނައްޗޭ..." "މިތާ ގޮދަޑި އަޅައިގެން މިރޭ އިރުއަރަންދެންވެސް އޮވެދާނަން.." އަދަލް އޭނަގެ މަންމަގެ ބޯ މަސާޖްކޮށްދޭން ފެށިއެވެ. މަންމަ މިފަހަކަށް އައިސް ކުރިއަށްވުރެ ބުރަހެލިވެ ފަލަވާންފެށިގޮތަށް އެކިއުދަގޫތައް ވެގެން އުޅޭކަން އޭނައަށް ފާހަގަކުރެވުނެވެ. "ނޫން އަދަލްވެސް ނިދި ނަގައިލާނެކަމެއްނެތް. ރޭގަނޑު ނިދި މުހިއްމުވަރު އަދަލްއަށްވެސް އެނގޭނެ..މަންމަ ނިދިއްޖެއްޔާ......ހޭނައްތާފައި އޮތުމެކޭ އެއްވަރުވާނެ. އެކަމަކު ހައިރާންވާކަމަކީ ބަރާބަރު ތަހައްޖުދު ނަމާދަށް ހޭލެވޭނެ އެލާމް ކުރިޔަސް ނުކުރިޔަސް ހެޔޮ.....އަބަދު ނަމާދަށް އަރަމުންގޮސް މިހުރީނު ފައިގާ ކުރަ ލާފައި..."ސަރަފީނާ ފަޚުރުވެރިކަމާއެކު ހީލިއެވެ."އަދަލް ކިޔަވައިގެން މޮޅު މީހަކަށްވީނަމަ މަންމަގެ ދުނިޔެ ފުރިހަމަވީސް...މާމަވެސް އަބަދު ގުޅައިގެން ވާހަކަދައްކާނީ ދައްތައާއި...މަންމައަކަށް ނުގުޅާ..." "ދައްތަ އަމިއްލައަށް މަތިން ބައިން ޖެހިގެން ގުޅަނީކަމަށް ވާނީ..." "އެހެނެއްނޫން...."ސަރަފީނާ އަތްތިލަމަތީގައި މޫނު ޖައްސާލައިގެން އޮތީ މޮޅިވެރިވެފައެވެ. "މަންމާ..އެކަމަކު ސިދްރާއަަށް ޖިންނި ފެންނަކަން އަވަށްޓެރިންނަށް އެނގުނީ ކިހިނެއް؟"އަދަލް ސުވާލުކޮށްލިއެވެ. "މަންމަ ބަދޫރާއަށް އިތުބާރުކޮށްފައި އެކުއްޖާ ގެ އަމަލު ހުންނަގޮތް ކިޔައިދިނިން..ބަދޫރާވެސް ހީކުރިކަހަލަ މީހެއްނޫން...ފިތުނަފަސާދައާއި މީހުންގެ ވާހަކައާއިގެން ހިނގާ މީހަކަށް ވީ........." އަދަލްއަށް މަޖާވިއެވެ. ކުރިން މަންމަގާތު ބަދޫރާއަކީ ހަމަ ވަލީވެރިއެއްހާ މާތްމީހެކެވެ. މަންމަ އަބަދު ބަދޫރާއަށް ސަނާ ކިޔާނެއެވެ. ހުރިހާ ސިއްރެއް ކިޔައިދޭނެއެވެ. ނޯޔާ ކައިވެންޏަށް އިންކާރުކުރީމަ ބަދޫރާވެސް ނުބައިނުލަފާ މީހަކަށް ވެއްޖެއެވެ. އިންސާނުންގެ ތަބީއަތަށް މި އަންނަ ލޮޅުންތައް ދެނެގަނެވޭނީ ނަފްސާނީ މާހިރުންނަށެވެ. ކުއްލިއަކަށް މުޅި ކޮޓަރިތެރެ ދިއްލިގެން ދިޔައީ ހުދުކުލައިގެ ވިދުވަރެއްގެ އަލިންނެވެ. ކުޑަދޮރުގެ ފްރޭމްގެ ހިޔަނި ފާރަށް އެޅިގެން ދިޔައީ ކޮށްޓެއްގެ ސިފައިގައެވެ. ހިނދުކޮޅެއް ނުވަނީސް ގުގުރީގެ ބާރު އަޑު ކޮޓަރީގައި ގުުނައިލިއެވެ. ދޮރުގެ ބިއްލޫރިތައްވެސް ތެޅި ތަޅުންގަނޑާއެކު ހަށިގަނޑަށްވެސް އޭގެ ލޮލުން ގެނުވު ފަދަ އިހުސާސެއް ކުރެވުނެވެ. ސަރަފީނާވެސް ސިހިފައި ގައިމަތީގައި އޮތް ފޮތިގަނޑުގެ ކޮޅުގައި ދެއަތުން ބާރަށް ހިފަހައްޓައިލިއެވެ. "އެއީ ކޮންކަމެއްތަ؟" "މަންމާ..މިރޭ ވިއްސާރަވާނެކަމަށް ޚަބަރުންވެސް ކިއެއްނު...މޫސުމް ލަފާކުރާގޮތް އަޑުއެހިން..." "މަންމައަށް ހީވަނީ އެހެން ކަހަލަކަމެއް ލައިގަނެގެން އުޅޭހެން......." "ދައްތާ....." ދޮރުމަތިން ސިދްރާގެ އަޑު އިވުމުން ސަރަފީނާ ސިހުނުވަރުން ލޯ ބޮޑުކޮށްގެން ބަލަން އޮތެވެ. "މިރޭ މިކޮޓަރީގައި ނިދާލަން އޮވެވިދާނެތަ؟ ގުގުރާތީވެ...." ސިދްރާ ކަޅު ހެދުމުގައި ރޭގަނޑު އެހެން ފެނުމުން |ޝައްކުން ހިތް ފުރިފައި ބަލަން އޮވެވުނީއެވެ. އޭނައަށް ސިދްރާގެ މޫނުމަތީގައިވި މައުސޫމްކަން ފެނުނެވެ. ޖިންނި އަވަލިޔަސް މިއީވެސް ނިކަމެތި އަންހެންކުއްޖެކެވެ. އޭނައަށް އެންމެން ގަނާކުރާފަދައިން ސިދްރާއާއި ދިމާލަށްވެސް ފާޑުފާޑަށް ވާހަކަދައްކާ ދެރަކޮށްލަނީއެވެ. މޮޅުމީހުން އަބަދުވެސް ތިމާއަށްވުރެ ދެރަ މީހުންނަށް ގަނާކޮށް ނިކަމެތިކަން އިހުސާސްކުރުވަން މަސައްކަތްކުރެއެވެ. އެކުއްޖާފުޅުވެސް ގުގުރަން ފެށުމުން އެކަނި ނޯވެވިގެން އޭނަގެ ގާތަށް އައުމުން ބޭރަށް ނެރެލުމަކީ އިންސާނިއްޔަތާ ޚިލާފުކަމެކެވެ. "އެންމެރަގަޅު...."ސަރަފީނާ ކުޑަކޮށް މަގަތަށް ޖެހިލިއެވެ. "ސިދްރާ..ޝަހާދަތް ކިޔާބަލަ..."އަދަލް ލަކުޑި ގޮނޑީގައި އިށީދެލައިގެން އިނީ ދެފައި އެނދަށް އަރުވައިެންނެވެ. "ސާބަހޭ އަދަލް..މަޖާނުވެބަލަ..." ސިދްރާ އެނދުގެ އަނެއް ފަޅިންގޮސް އެނދުގައި އިށީނެވެ. އަދަލް އޭނަގެ މަންމަގެ ތުރުތުރުލާ އަތްތިލަމަތީގައި އަތް ބާއްވައިލިއެވެ. "ކޮބާ ހަޒްބެންޑް..." "މިރޭ އޭނަވެސް ނެތް......." "ދެކުދިން ދެން ނިދައިލަންވީނު..އަހަރެންވެސް މި ކޮޓަރީގައި ގާޑަކަށް ހުންނާނަން..އޭރުން ޖިންނިއެއްގެ ހިޔަނިވެސް ނޭޅޭނެ...އެބަ އަންނަން ގޮދަޑި ހިފައިގެން..." ސިދްރާ ފޮތިގަނޑު މުޅިގައިގާ އޮޅާލައިގެން ސަރަފީނާގެ ހަށިގަނޑުގެ ހޫނުކަން ފޯރާ ހިސާބުގައި އޮވެ ދެވަނަ ސިކުންތުކޮޅުގައި ފުންނިންޖަކަށް ގެނބުނެވެ. އަދަލްވެސް ގޮދަޑި އަޅައިގެން ހޭލާއޮތީ މަންމަގެ ހިމާޔަތުގައެވެ. އޭނަ އެކޮޓަރީގައި އޮތުމުން މަންމައަށް ހަމަޖެހިލައިގެން ނިދައިލެވޭނެކަމުގެ ޔަގީންކަން އޮތުމުންނެވެ. *** މޫދުގެ ދޮންވެލިގަނޑުގެ ރާޅު ބީއްސާ ހިސާބުގައި އަޒާލީއާއި ހީރާ އަދި ނޯޔާ ފައިތިލަ މޫދަށް ލައިގެން ތިބިއިރު އެހެން މީހުންތައްވެސް އެކި ހިސާބުގައި ތިބިތަން ފެނުނެވެ. އޮއްސެމުންދިޔަ އިރުެ ރަންއަލި ކަނޑުގެ ލޮނުގަނޑަށް އެޅިފައިވައިރު ނުކަން ހިތްގައިމެވެ. އަޒާލީއާއި ހީރާގެ ހުރިހާ ސަމާލުކަމެއްވީ ނޯޔާއަށެވެ. "ދެން ބުނެބަލަ...މަންމަ ކީކޭ ބުނީ؟"އަޒާލީ ނޯޔާގެ އަތުގައި ހިފާ ތަޅުވައިގަތެވެ. ނޯޔާ ހީލާފައި ދޮންވެލިގަނޑުމަތީގައި އިށީދެ ކަކޫ މޭގައި ޖައްސައިލިއެވެ."މަންމަ ހަމަ ނިކަން ސީރިޔަސްކޮށް މަގޭ ކައިވެނި އަދަލްއާއި ކުރަން ނިންމީ...ހާދަ އަޚުލާގު ރަގަޅު ކުއްޖެކޭ ކިޔާފައި މަންމަ ތައުރީފުކުރާވަރުން ބޮލަށް އުދަގޫވި..މަގޭ ގާތަށް އައީ އަމަށަކު ހިންޏެއްނޫން....." "އަޅެ އެ މޮޔަ ސޮރު..."ހީރާ އަނގަޔަށް ގޮތެއް ހަދައިލިއެވެ."އެންމެ ފޫހިކޮށް އުޅޭ ފިރިހެނާ...ވޭޕް ބޮއިބޮއި ސިގްރެޓް ފެކްޓްރީއަކަށް ވެއްޖެ ދޯ.." "ހޫމް މަ ހަމަ ދޮގުހެދީ.. މަންމަ ގާތު ބުނިން އޭނަ ހަމައެކަނި ވޭޕެއްނޫނޭ ބޮނީ...އޭނަ ބޮނީ ވީޑްއޭ ގަންޖާއޭ...މަންމަ ބިރުން ކިރިޔާ މިނި ހާޓްއެޓޭކެއް ނުޖެހުނީ..." އަޒާލީއާއި ހީރާއަށް މަޖާވެފައި އަޑެއް ލައްވައިލެވުނެވެ. ހިނިގަނޑު މަތަނުވެގެން ދޮންވެލިގަނޑު މައްޗަށް ވެއްޓުނެވެ." އަސްލުކޮށް ތިހެން ބުނިންތަ؟ އޯގޯޑް..މަންމަގެ ރިއެކްޝަން ކިހިނެއްތަ؟" "މަންމަ ލޯބޮޑުވިގޮތަށް ހަމަ ފުންލަލާފާނެކަމަށް ހީވީ.."އޭނަ ހެމުން ކިޔައިދިނެވެ."މަންމަ ބުނީ މާތްކަލާކޯއޭ...މަގޭ ދަރި މަސްތުވާތަކެތި ބޭނުންކުރާ މީހަކާއި ގުޅުބަން ބޭނުމެއްނޫނޭ.. ކައިވެނީގެ ވާހަކަ މާޒީވީއޭ..." "ސާބަހޭ ނޯޔާ..ތިއީ ހަމަ ކްއީންއެއް...."އަޒާލީ ނޯޔާގެ ބުރަކަށީގައި ޖަހައިލިއެވެ."އެކަނި ވޭޕް ބޭނުންކުރެއޭ ބުނިނަމަ އެވަރަކަށް ނުސިހޭނެ ދޯ.." "އެނގެއެއްނު. މިހާރު ގިނަ ޕޭރެންޓުންނަށް ވޭޕަކީ ހަމަ ސްޓައިލް..އެހެންވެ އަހަރެން ތަންކޮޅެއް މަތިން ފޮނުވައިލީ...." ނޯޔާ ފޮނިވެލިއެވެ. އެތިން ކުދިންގެ ހުނުމުގެ އަޑު ރާޅާއެކުވި ވަރަކަށް ރާޅުގެ އަޑުވެސް ހަރުވާހެން ހީވިއެވެ.ތިން ކުދިން އެކަކު އަނެކަކަށް ދިމާކުރުމާއި އަދަލްއަށް ޖެއްސުންކުރުމާއެކު ވަގުތުތައް ހޭދަވީ އުފަލާއި ހަމަޖެހުމުގައެވެ. *** އަޒުއާ ހައިޓްސްގެ ތަނަވަސް ބަދިގެތެރެއަށް ވެރިވެފައިވީ ހިމޭންކަމެވެ. އަދަލް އާދައިގެ މަތިން ސޯޓަކާއި ގަޔަށް ދޫކޮށްއޮތް ޓީޝާޓެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އޭނަ ހޫނުފެން ކުރަ ކައްކަން ޖައްސާލައިގެން ހުރެފައި ގޮސް މެޝިނުން ކޮފީތަށްޓެއް އެޅިއެވެ. މަޑުމަޑުން އެއްޗެއްކިޔަމުން ދިޔައެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމުން އެނބުރި ބަލައިލިއިރު ދޮރުމަތީގައި ހުރީ އެމިލީއެވެ. އެމިލީ ހުއްޓުންއެރިގޮތަށް އަތުގައި އޮތް އައިޕެޑް ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ. އެމިލީގެ ލޯ ބޮޑުވެ މުޅި ކުއްޖާ ފިނިވިއެވެ. "ހައި އެމިލީ..."އަދަލް އާދައިގެ ގޮތަކަށް ހިނިތުންވެލިއެވެ. "އަދަލް...."އެމިލީއަށް އަނގަމަތީގައި އަތް އެޅުނެވެ. އޭނަގެ ހަނދާނަށް އައީ އަހަރުތަކެއް ކުރިން މޫދުގައި އޮޔާ ދަމައިގަތުމުން ނޭވާ ހާސްވަމުން ދިޔަ ބިރުވެރި ވަގުތުކޮޅެވެ. އޭނަ މަރުގެ ތުންފަތްމަތިން ސަލާމަތްކޮށް ގޮނޑުދޮށާއި ހަމަޔަށް ގެންދިޔަ މީހާގެ މޫނު އޭނަގެ ހިތުން ދުވަހެއްެ ކޮޅުންވެސް ފިލައިގެންނުދާނެއެވެ. އޯގާތެރިކަމުގެ ދެވަނައެއްނެތް އެފަދަ ލޮލެއް އޭނަ ކުރިން ދެކެފައިވިއެވެ. އަދަލްއަކީ ދެވަނައަށް ފެނުނު އެފަދަ ލޮލެވެ. "ތިއީ އެދުވަހު އަހަރެން ސަލާމަތްކޮށްދިން ހީރޯ.....މުޅި މާލެއިން ފެނޭތޯ ހޯދިން..ކީއްވެ މިގޭގައި؟" އޭނަ ކޮފީ ޖޯޑު މޭޒުމަތީގައި ބަހައްޓަމުން ވަށައިގެން ބަލައިލިއެވެ. އޭނަގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ."މިއީ އަހަރެންގެ ބޮޑުދައިތަގެ ގެ...އަހަރެން އުޅެނީ ހަމަ މި ގޯތިތެރޭގައި މަންމަގެ ކައިރީގައި...ޒިހާމްއަކީ އަހަރެންގެ ދެބެންގެ ދެދަރި ބޭބެއެއް..." އެމިލީގެ ސިހުން ބަދަލުވީ ހައިރާންކަމަކަށެވެ. އެއަށްފަހު ދެމީހުން ދެއްކީ ކޮން ވާހަކައެއްކަން އެހެން ބަޔަކަށް ނޭގުނެވެ. އެމިލީ ކާކޮޓަރީގެ ދޮރު ލައްޕައިލުމަށްފަހު މަޑުމަޑުން ވާހަކަދައްކަމުން ދިޔައިރު ދޭތެރެއަކުން ރޮމުން ދިޔައެވެ. ސިއްރުން ފުރިގެންވާ ވާހަކަތަކެއް ދެމީހުންގެ ދޭތެރޭގައި ދެކެވުނެވެ. ތިރީހަކަށް މިނިޓްވާންދެން އެމީހުން ދެއްކި ވާހަކަތަކުން އެމިލީގެ ހިތުގައިވި ގިނަ ސުވާލުތަކަށް ޖަވާބު ލިބުނު ނަމަވެސް އެ ސިއްރު އޮތީ ދެމީހުންގެ މެދުގައެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ