އެމްޑީޕީ މެމްބަރު ސަމީރު ދެއްކެވި ވާހަކަތަކަށް ފުލުހުން ރައްދުދީފި

ރައީސް ޑރ.ވަހީދު ދިއްދޫއަށް ވަޑައިގަތުމުން އެރަށުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނު މީހުންގެ ތެރެއިން 3 މީހަކު ނިޒާމުން ގެއްލުވާލާފައިވާ ކަމަށް ބުނެ އެދާއިރާގެ މެމްބަރު ސަމީރު ދެއްކެވި ވާހަކަތަކަށް ފުލުހުން ރައްދުދީފި އެވެ.
ސަމީރު ވިދާޅުވެފައިވަނީ ޖޫން 2 ވަނަ ދުވަހު ރައީސުލް ޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ހއ. ދިއްދޫއަށް ވަޑައިގަތުމުން އެރަށުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނު މީހުންގެ ތެރެއިން 3 މީހަކު ނިޒާމުން ގެއްލުވާލައި ޤާނޫނު އަސާސީން އެމީހުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ފުލުހުން އެމީހުންނަށް ފޯރުކޮށްދީފައި ނުވާކަމަށެވެ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެދުވަހު ހައްޔަރުކުރި ފަރުހާދު އަބޫބަކުރާއި، ޢަބްދުﷲ ވަޙީދާއި، ފަސީޙް އަބޫބަކުރު ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައެއްގައި ކޯޓަށް ހާޒިރުވުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް އަމުރު ޙަވާލުކުރަން ދިއުމުން މާލެދެވެން ނެތްކަމަށްބުނެ އަމުރާއި ޙަވާލު ނުވެ ކޯޓަށް ހާޒިރުނުކުރެވިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ 3 މީހުން ކަމަށެވެ.
އަދި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ދިއްދޫ ޕޮލިސް ސްޓޭޝަނަށް މި 3 މީހުން ގެނެވުމާއެކު އެ 3 މީހުންނާއި ކޯޓު އަމުރު ޙަވާލުކޮށް މިތިން މީހުން ދީފައިވާ ނަމްބަރުތަކަށް ގުޅައި އެ ތިންމީހުންގެ ޢާއިލާއަށް އެމަޢުލޫމާތު ދެވިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އިސްވެ ބަޔާންކުރި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންނާއި ބެހޭގޮތުން ބައެއް ފަރާތްތަކުން މީޑިއާ މެދުވެރިކޮށް ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ކަމުގެ ޙަޤީޤަތް ޢާއްމު ރައްޔިތުންނަށް އޮޅި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވާފަދަ ގޮތަކަށް ދައްކަވާފައިވާ ވާހަކަފުޅަކަށް ވުމުގެ އިތުރުން ދިވެހި ފުލުހުންނާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭގޮތަށް ދައްކަވާފައިވާހަކަ ފުޅެއްކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިތާމައާއެކު ފާހަގަކުރަމެވެ." ފުލުހުންގެ ބަޔާނުގައިވެ އެވެ.
އަދި މިފަދަ މައްސަލަތަކުގައި ޢާއްމު މީޑިއާތައް މެދުވެރިކޮށް އެކި ފަރާތްތަކުން ކަންކަން ހާމަކުރައްވާއިރު ކަންކަމުގެ ފުރިހަމަ މަޢުލޫމާތު ފުލުހުންގެ ކިބައިން ސާފުކުރައްވައި ރައްޔިތުންނަށް ޙަޤީޤަތް ނޯޅޭނެހެން މަޢުލޫމާތު ދެއްވުމަށް ވެސް ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ