މެމްބަރު ވަހީދު އާއި އަމީތު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
މެމްބަރު އަމީތު އަދި މެންބަރު ވައްޑެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އެ ދެބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް މަޖިލީހަށް ވަދެފައިވާތީ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމާއިމެދު ޚިލާފު އުފެދިފައިވާއިރު، ސުޕްރީމް ކޯޓުން އެކަމުގައި އަދި ގޮތެއް ނުނިންމައެވެ.
ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމާއިމެދު ޚިލާފެއް އުފެދިއްޖެ ނަމަ، އެކަމެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން، މަޖިލީހަށް ވަޑައިގަތުމަށް ހޯމަ ދުވަހުގެ މެންދުރު 12:45 ގައި މ.ކުނޫޒުން ނިކުތް ނަމަވެސް، ކުނޫޒް ހުންނަ ފަނޑިޔާރު މަގުގެ ދެ ކޮޅުން މަގު ބަނދުކޮށް، ގާތްގަނޑަކަށް 45 ވަރަކަށް މިނެޓަށް ފުލުހުން ވަނީ އެ ސަރަޙައްދުގައި މެމްބަރުން ހިފަހައްޓާފައެވެ. އަދި އެ ސަރަހައްދުން މެމްބަރުން ދޫކޮށްލުމުން، މެމްބަރުން ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގެންފައެވެ.
ނަމަވެސް އިރުކޮޅެއްގެ ފަހުން ފުލުހުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެ ގަދަކަމުން މެމްބަރުން ނެރެފައެވެ.
މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭނެ ގޮތަށް ގޭޓްތަކުގައި ތަޅުއެޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މަޖިލީހުގެ އަޣުލަބިއްޔަތަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލަ މަޖިލީހުން ބޭރުކޮށްލި ނަމަވެސް، މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ