ބަންގްލާދޭޝްގެ ކުރީގެ ޕޮލިސް ޗީފް ފިލައިގެން އުޅޭތާ އަހަރެއް ފަހުން ދުބާއީން ހައްޔަރުކޮށްފި

ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން ފިލައިގެން އުޅޭތާ އަހަރެއް ފަހުން ބަންގްލަދޭޝްގެ ކުރީގެ ފުލުހުންގެ ވެރިޔާ ބޭނަޒީރު އަހުމަދު ދުބާއީން ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު އާދިއްތަ ދުވަހު ވިދާޅުވެއްޖެ އެވެ. 
ކުރީގެ ލީޑަރު ޝައިހް ހަސީނާގެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ބޭނަޒީރު، ނަހަމަ ގޮތުގައި އެތައް މިލިއަން ޑޮލަރެއްގެ މުއްސަނދިކަން ހޯދި ކަމުގެ ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދުނު ނުރުހުމާ އެކު، މޭ 2024 ގައި އޭނާ ވަނީ ބަންގްލަދޭޝް ދޫކޮށް ފިއްލަވައިފަ އެވެ.
ބޭނަޒީރު، ބަންގްލަދޭޝްގެ ބާރުގަދަ ޕެރާމިލިޓަރީ ފޯސް ކަމަށްވާ "ރެޕިޑް އެކްޝަން ބެޓޭލިއަން" (އާރްއޭބީ) ގެ ވެރިޔަކަށް ހުންނެވި ދުވަސްވަރު، އެތައް ސަތޭކަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލުވާލުމާއި ޝަރީއަތުން ބޭރުން މީހުން މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި، 2021 ވަނަ އަހަރު އެމެރިކާއިން ވަނީ އޭނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅައިފަ އެވެ.
"ބޭނަޒީރު އަހުމަދު ހައްޔަރުކުރީ ޖޫން 12 ގައި. އަދި ވަރަށް އަވަހަށް އޭނާ ގައުމަށް އަނބުރާ ގެނެވޭނެ،" ބަންގްލަދޭޝްގެ އިންޓީރިއާ މިނިސްޓަރު ސަލާހުއްދީން އަހުމަދު ޕާލަމެންޓުގައި ވިދާޅުވި އެވެ.
"ބޭނަޒީރާ ދެކޮޅަށް އިންޓަޕޯލްގެ ރެޑް ނޯޓިހެއް ވެސް އޮތީ ނެރެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ތާރީހީ ކާމިޔާބީއެއް. މި މަސައްކަތްތަކުގެ ތެރެއިން، ކުށްކޮށްފައި އަދަބުން ސަލާމަތްވުމުގެ ސަގާފަތް އަހަރެމެންނަށް ނައްތާލެވޭނެ،" ސަލާހުއްދީން އަހުމަދު ވިދާޅުވި އެވެ.
"އަހަރެމެން ގައުމަށް ޔަގީންކޮށްދޭން ބޭނުންވަނީ، ކުށްވެރިޔަކީ ކިތަންމެ ބާރުގަދަ މީހެއް ކަމުގައި ވިޔަސް، ގާނޫނަށްވުރެ މަތީގައި އެކަކަށްވެސް ނުހުރެވޭނެކަން."
އޯގަސްޓް 2024 ގައި ދަރިވަރުން އިސްވެ ހިންގި ވަރުގަދަ މުޒާހަރާތަކެއްގައި ބޮޑުވަޒީރު ހަސީނާގެ ވެރިކަން ވައްޓާލާފައި ވާއިރު އޭނާ ވަނީ އެ މުޒާހަރާތަކާ ގުޅިގެން އިންޑިއާއަށް ވަޑައިގެން ހިމާޔަތް ހޯއްދަވައިފަ އެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ