ފުޅާ ކޯލިޝަނަކުން ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބުކުރަން މި މަސައްކަތް ކުރަނީ: އުމަރު

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ފުޅާ ކޯލިޝަނެއް އުފައްދައިގެން ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ރަސްމީ ގެކޮޅުގައި އުމަރު ނަސީރާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ކުރެއްވި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އުމަރު މިއަދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި ވެސް ފުޅާ ކޯލިޝަނެއް އުފެއްދުމުގެ ވާހަކަ ދައްކަވަމުން ގެންދެވި ކަމަށާއި އެގޮތުން ރޭ ގެ އެ ބައްދަލުވުމަކީ ވެސް ފުޅާ ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތުގެ ދަށުން ކުރެއްވި މަަސައްކަތްތެއް ކަމަށެވެ.
އުމަރު ވިދާޅުވީ އެމްޑީޕީ ނޫން ހުރިހާ އެހެން ޕާޓީ ހިމެނޭ ގޮތަށް ފުޅާ ކޯލިޝަނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކޯލިޝަންގެ ބޭނުމަކީ ފުރަތަމަ ބުރުން ވެސް ވަރަށް ސާފު އަޣުލަބިއްޔަތުން އެމްޑީޕީ ބަލިކުރުން ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ އެމްޑީޕީ ނޫން ހުރިހާ ޕާޓީތައް ހިމެނޭ ގައުމީ އެއްބައިވަންތަކަމުގެ ކޯލިޝަނެއް އުފެއްދޭތޯ. މި ކޯލިޝަންގައި ބައިވެރިވުމަށް ޕީޕީއެމަށް ވެސް ދައުވަތު އޮންނާނެ، އެގޮތުން ރޭގެ މަސަައްކަތަކީ ވެސް އެކަމާ ގުޅުން ހުރި ކަމެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ފުޅާ ކޯލިޝަނެއް ހެދުމަށް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދާ ޕާޓީތަކުގެ ވިސްނުން ހުރީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ބަލިކުރާނެ ފެންވަރުގެ ގެރެންޓީ ކެނޑިޑޭޓަކު ނެރުން ކަމަށާއި ގިނަ ބައެއްގެ ވިސްނުން ހުރީ ރައީސް ވަހީދުގެ ވެރިކަމެއް ގެނައުން ކަމަށެވެ. ނަމަވެސް އެކަން ނިންމާނީ ކޯލިޝަންގެ މެދުގައި ކުރިއަށް ގެންދާ މަޝްވަރާތަކަށް ފަހު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ކޯލިޝަންގެ ބޭނުމަކީ ފުރަތަމަ ބުރުން އެމްޑީޕީ ވަރަށް ސާފު އަޣުލަބިއްޔަތުން ބަލިކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން. ރައީސް ވަހީދުގެ ފަހަތަށް ނުވަތަ ކުރިއަށް ވަޑައިގަންނަވާނެ ބޭފުޅަކު ވެސް ނިންމާނީ ފުޅާ ކޯލިޝަނުން ކަމަށް. ހަމަ ޔަގީނުން ވެސް ކޯލިޝަނުން ނެރޭނީ ފުރަތަމަ ބުރުން ވެސް އިންތިހާބު ނަގާނެ ކެރެންޓީ ކެންޑިޑޭޓެއް،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ތެރޭގައި ވެސް އުމަރު ނަސީރު ގެންދެވީ ފުޅާ ކޯލިޝަނަކަށް ޕާޓީތަކުން ތާއީދު އޮތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިހާތަނަށް ފުޅާ ކޯލިޝަނެއް ހެދުުގެ މަސައްކަތްތުގައި ވާހަކަ ދައްކަމުން ދަނީ ޖުމްހޫރީ ޕާޓީ އާއި ރައީސް ވަހީދު ހިމެނިވަޑައިގެންނަވާ ގައުމީ އިއްތިހާދު ޕާޓީ އާއި ގައުމީ ޕާޓީ އަދި އުމަރު ނަސީރެވެ. އެ ވާހަކަތަކުގައި ރައީސް ވަހީދުގެ ސަރުކާރުގައި ހިމެނޭ ޕީޕީއެމާއި ޑީއާރުޕީން އަދި ވާހަކަ ދައްކާ ކަމެއް އެނގިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ