ގޮނޑި ގެއްލޭ މައްސަލައިގެ ތެެރެއަށް މެމްބަރު އަލީ ހުސައިން ތަދައްހުލުވަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހުށަހަޅުއްވައިފިއެވެ.
އަލީ ހުސެއިން މިކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި ވަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވޭއިރު ހުންނަ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ އަޑުއެހުމެއް ވެސް ބާއްވާފައެވެ.
މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެ ބެންޗްގައި ހިމެނިވަޑައިގަންވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.
ސުޕްރީމް ކޯޓަށް މިފަދަ މައްސަލައެއް ވައްދާފައިވާއިރު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އިއްޔެ ވަނީ އެ ޕާޓީން ވަކިވެ ވަޑައިގެންފައެވެ.
އިއްޔެ ޕީޕީއެމްއިން ވަކިވި ހުރިހާ މެމްބަރުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވާ މެމްބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ