ގއ.ވިލިގިނލީ ކޯޓުން ބަލައި ނިންމާފައިވާ މައްސަލައެއް އެކޯޓުން އަލުން ބަލާތީ ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފިއެވެ.
ޙުކުމް ކޮށްފައިވާ މައްސަލައެއް އަލުން ބަލާތީ ސުޕްރީމް ކޯޓުން އެކަން ހުއްޓުވާފައި ވަނީ އިއްޔެ ނެރުނު އަމުރެއްގެ ދަށުންނެވެ.
ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ ގއ.ވިލިނގިލީ ކައުންސިލް މެމްބަރު މުހައްމަދު މުސްތަފާއާ ދެކޮޅަށް ވިލިނގިލީ ކޯޓުން ބަލަމުންދިޔަ މައްސަލަ އަކީ ބަލައި ނިމިފައިވާ މައްސަލަ އަކަށްވާތީ މިހާރު އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މުސްތަފާގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ދައުވާގެ މައްސަލަ 2013 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންދިއުމުން އެ މައްސަލަ އިތުރަށް އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި މީގެ ކުރިން ވިލިނގިލީ ކޯޓުން ވަނީ ހުކުމް ކޮށްފައިވާތީ މިހާރު އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
އެ މައްސަލައަކީ އިސްތިއުނާފުގެ މުއްދަތު ހަމަވިއިރުވެސް އިސްތިއުނާފުކޮށްފައިވާ މައްސަލައަކަށް ނުވާތީ ދެން މައްސަލަ ބެލުމުގެ އިޙްތިޞާސް ދަށު ކޯޓަށް ލިބިފައި ނުވާކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
ވިލިނގިލީ ކޯޓުން މުސްތަފާގެ މައްސަލަ މިހާރު ބަލަމުން އަންނަނީ ޝަރީއަތް ކުރުމުގައި އަމަލުކުރަމުން އަންނަ ޝަރުއީ އަދި ގާނޫނީ އިޖުރާއަތުތަކާ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.
އެހެންކަމުން ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާއަށް ރިޢާއަތް ކޮށް މިމައްސަލަ ބާތިލް ކުރީކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
މީގެ ކުރިން ވެސް އިޖުރާޢަތުތަކާއި ހިލާފަށް ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން ބަލަމުން ގެންގޮސްފައިވާ މައްސަލަތައް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވެއެވެ.
ބަލައި ނިންމާފައިވާ މައްސަލައެއް ވިލިގިނލީ ކޯޓުން އަލުން ބަލާތީ ސުޕްރީމް ކޯޓުން އެކަން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ