ކާނަލް ނާޒިމް މިނިވަންކުރަން މެމްބަރު ލަތީފު ގޮވާލައްވައިފި

ފިސްތޯލައެއް ގެންގުޅުނު ކަމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިނިވަން ކުރުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ގޮވާލައްވައިފި އެވެ. ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން ލަތީފު ވިދާޅުވީ ނާޒިމް މިނިވަން ނުކުރަހާ ހިނދަކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ އެއްކޮޅަށް ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި ހިތް ފުރޭ ވަރަށް ރަން ދިނަސް އެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށް ލަތީފު ވިދާޅުވި އެވެ. މެމްބަރު ލަތީފް މިރޭ ވިދާޅުވީ ކާނަލް ނާޒިމަކީ ކުށެއް ނުކުރާ މީހެއް ކަން މިއަދު ހާމަވަމުންދާ ކަމަށާއި ނާޒިމްގެ މައްސަލާގައި އޭނާ ދެކިވަޑައިގަންނަވާ ގޮތަކީ ރައްޔިތުން ނިންމައިގެން ތިބި ގޮތް ކަމަށެވެ. ނާޒިމަކީ ކުށްވެރިއެއްކަން ރައްޔިތުން މިއަދު ގަބޫލު ނުކުރާ ކަމަށާއި އެހެން ކަމުން މިހާރުން މިހާރަށް ނާޒިމް މިނިވަން ކުރުމަށް މެމްބަރު ލަތީފު ގޮވާލެއްވި އެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވާފައިވާ ސިޓީގައި ނާޒިމްގެ ކުށެއް ނެތް ކަމަށް ވިދާޅުވެފައިވާތީ، އެ ސިޓިއަށް އިޝާރާތް ކުރައްވައި ލަތީފު ވިދާޅުވީ އެ ސިޓީން ވެސް ނާޒިމްގެ ކުށެއް ނެތްކަން އެނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޖަލަށް ލާފައިވާ މީހަކީ ކުށެއް ނެތް މީހެއްކަން އެނގޭ ހިސާބުން އެ މީހަކު މިނިވަން ކުރާ ކަމަށެވެ. އަދި އެކަމަކީ ރާއްޖޭގައި ވެސް ނުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ، ނާޒިމް މިނިވަންކޮށްފިނަމަ މަސީހަށް ވޯޓު ޔަގީންކަމާ އެކު ދޭނެ ކަމަށެވެ. "މިހާރުން މިހާރަށް އެކަންތަކައް އަމަލުކޮށްދީފިއްޔާ އަޅުގަނޑުގެ ވޯޓު އެއީ ކަށަވަރު ވޯޓެކޭ. އެހެން ނޫނީ އަޅުގަނޑު ދާނީ ދެ ވަނަ ވިސްނުމަކަށް،" ލަތީފު ވިދާޅުވި އެވެ. ލަތީފު ވިދާޅުވީ އެ ބުނި ބުނުމަކީ ބަދަލުވާނެ އެއްޗެއް ނޫން ކަމަށެވެ. "އަޅުގަނޑު ޝައްކެއް ނެތް ޔަގީން ކަށަވަރު އިނގޭތޯ، އަޅުގަނޑު ވަރަށް ސާބިތު ކަމާ އެކު، އަޅުގަނޑު ބުނި އެއްޗެއް އަނބުރާ ނުގެންނާނަން ހިތް ފުރޭ ވަރަށް ރަން ދިނަސް އަޅުގަނޑު އެއެއް ބަދަލެއް ނުކުރާނަން،" ރާއްޖެ ޓީވީގެ 60 މިނިޓަށް ދެއްވި އިންޓަވިއުއެއްގައި ލަތީފު ވިދާޅުވި އެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕް އޮތީ ބައިބައިވެފައި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ރާއްޖެޓީވީގައި ވާހަކަފުޅު ދައްކަވަމުން މިރޭ ވިދާޅުވީ، ޕީޕީއެމްގެ ޕީޖީ ގްރޫޕް އޮތީ ވަރަށް ބަދަހި ކަމާ އެކުގައި ކަމަށެވެ. ނަމަވެސް އޭގެ މާނައަކީ އެކެއް ނުވަތަ ދެ މެމްބަރެއްގެ މައްސަލަ ނެތް ކަމުގެ ވާހަކަ ނޫން ކަމަށް އަސްއަދު ވިދާޅުވި އެވެ. އައްސަދު ވިދާޅުވީ، އޭނާ އަކީ އެއް މިލިއަން ނުވަތަ ދެ މިލިއަނުން ގަނެވޭނެ މީހެއް ނޫން ކަމަށާއި، އޭނާ އަކީ އެއަށްވުރެއް އަގު ބޮޑު މީހެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު --- ސަން ފައިލް ފޮޓޯ/ މުއާވިޔަތު އަންވަރު "ތިޔަ ބޭފުޅުން އަތުގައި އަޅުގަނޑުމެން ކަހަލަ، އަޅުގަނޑުމެން ފެންވަރުގެ މީހުން ގަނެލާނެ ފައިސާ ނެތްކަން އަޅުގަނޑުމެންނަށް އެނގޭ. ދެ މިލިއަނަކުން ތިން މިލިއަނަކުން އަޅުގަނޑުމެންނެއް ނުގަނެވޭނެ. އެކަން އެ ގޮަތަށް ކުރަން މަސައްކަތް ކުރައްވާނެ ކަމެއް ނެތް. އަޅުގަނޑުމެންނަކީ އެއަށްވުރެ މާ އަގުބޮޑު މީހުން،" އައްސަދު ވިދާޅުވި އެވެ. އަދި ގަންނަން މަސައްކަތް ކުރާނަމަ އެއަށްވުރެ ގިނަ ފައިސާ އެއްކޮށްފައި ނޫނީ ގުޅައިގެން ވެސް ނުވާނެ ކަމަށް ވެސް އައްސަދު ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަމުންދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށެވެ. މަސީހު މަގާމުން ވަކިކުރުމަށް ތިން ފަހަކަށް މަޖިލީހަށް ހުށަހެޅި އެވެ. ހަތަރު ވަނަ ފަހަކަށް މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރަމުންދާއިރު، 42 މެމްބަރުންގެ ސޮއާއެކު ނޫނީ މަޖިލީހުގެ ރައީސާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން 42 މެމްބަރުން ހަމަކުރުމަށްޓަކާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫންނަށް ތާއިދު ކުރައްވާ މެމްބަރުން ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ