ގާސިމް ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރިޝްވަތު ދިނުމަށް ހުށަހެޅިކަން ސާބިތުބެ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން "ސަން" އަށް ވިދާޅުވީ ގާސިމް އެ ސާވިސްގެ ބެލުމުގެދަށަށް ގެންދިޔައީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގާސިމް ގެންދިޔައިރު، އޭނާ އަދިވެސް އޮތީ އައިޖީއެމްއެޗުގެ އޮބްޒަވޭޝަންގައެވެ. މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމަށް ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމުގައި ބުނެފައި ވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ނެގުމަށް ހަމަޖެހުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓާ ގުޅުވައިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި މަސީހު ބޭރުކުމަށް ވޯޓު ދެއްވައިފިނަމަ، އެ މެމްބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާތަކުގެ ޓިކެޓުދިނުމުގެ އިތުރުން އެހެން ހުރިހާ ގޮތަކުން ވެސް އެހީތެރިވެދާނެ ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ. ގާނޫނުލް އުގޫބާތުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން، ނުވަތަ ނުކޮށްދޫކޮށްލުމުގެ ގޮތުން ޤާނޫނު ހުއްދަނުކުރާ މަންފާއެއް ހުށަހެޅުމަކީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުން ކުށްވެރިވާ ކަމެއް ކަމަށް އެ ހުކުމްގައިވެ އެވެ. އެ ހުކުމްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ ވަކިގޮތަކަށް އަދާކޮށްފިނަމަ، އެ މެންބަރުންނަށް ދާއިރާގެ ޓިކެޓުދޭނެ ކަމަށް ހުށަހެޅުމަކީ އެ މެންބަރުންނަށް ހުށަހެޅޭ މަންފާއެއް ކަމަށެވެ. އަދި އެ މަންފާ ހުށަހެޅެނީ ވޯޓުލާ ގޮތަކަށް ރިއާޔަތްކޮށް، ހާސިލްކޮށްދެވޭ ގޮތުންނަމަ އެ މަންފާއަކީ ހުއްދަ ނޫން މަންފާއެއް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ. ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ކަނޑައަޅާފައިވާ އެ ކުށަކީ ކަމެއް ހުށަހެޅުމުގެ ޠަބީޢަތް ލިބިފައިވާ ކުށެއް ކަމުގައިވާއިރު، އެކުށަކީ ބުނާ ބަހަކުން އެކަނި ފުރިހަމަވެދާނެ ކުށެއްކަން އެނގެން އޮންނަ ކަމަށް އެ ހުކުމްގައިވެއެވެ. އެ ހުކުމްގައި ވަނީ ގާސިމް ދެއްކެވި ވާހަކައަށް ބަލާއިރު އެ ވާހަކައަކީ ވަކި ބަޔަކަށް އަމާޒުކޮށް ދައްކާފައިވާ ވާހަކައެއް ކަމަށާއި ސިޔާސީ ވައުދުތަކާއި ގާސިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޚާއްސަކޮށް ދީފައިވާ ދައުވަތުގެ އިބާރާތާއި، ތަފާތު ކަމަށެވެ. އަދި އެ އިބާރާތަކީ ގާނޫނު އަސާސީއާއި ޤާނޫނީ އިމުގެ ތެރެއިން ދައްކާފައިވާ ވާހަކައެއްކަން ގާސިމަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ. ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ހުކުމަކީ ސައްހަ ހުކުމެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން ޣައިރު ހާޒިރުގައި ހުކުމް ނުކުރެވޭނެ ކަމަށާއި ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ގާސިމްގެ ޝަރީއަތް މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް، އަބުރައިގަނެގެން ގާސިމް ވަނީ ކޯޓުތެރެއަށް ވެއްޓިފަ އެވެ. އަދި ގާސިމް އައިޖީއެމްއެޗަށް ގެންދިއުމުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދީފައި ވަނީ ގާސިމްގެ ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ދިނުމަށްޓަކައި ފުރާނައަށް ނުރައްކާވުމުގެ ކުރިން ރާއްޖޭން ބޭރަށް ގެންގޮސްގެން ފަރުވާ ދޭންޖެހޭ ކަމަށެވެ. އެކަމާ ގުޅިގެން ގާސިމް ޖަލަށްލުމަށް ކުރި ހުކުމްގައި ބުނެފައި ވަނީ ގާސިމް އިބްރާހީމަށް ފަރުވާ ދިނުމަށް ހަމޖައްސައިދޭންޖެހޭ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ. "...އެ ފަރުވާތައް ގާސިމް އިބްރާހީމަށް ދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށް، ގާސިމް އިބްރާހިމްގެ ޣައިރު ހާޒިރުގައި ނިޔާކަނޑައަޅައި، މި ގަޒިއްޔާ ނިންމީއެވެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ