އިލްހާމް އަދި ސިނާންގެ ދާއިރާގެ ބައި އިލެކްޝަންވެސް ބާއްވަނީ

ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށާއި އެ ދެ ދާއިރާގައި ވެސް ބައި އިލެކްޝަން އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަށް ބަލައި ހަތަރު ދާއިރާގެ ބައި އިލެކްޝަން އިއުލާންކޮށްފައި ވަނިކޮށް އެކަމާ ގުޅޭ މައްސަލަތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަތަކަށް ވަކި ގޮތެއް ނިންމަންދެން އެ ދާއިރާތަކުގެ ބައި އިލެކްޝަން އޮތީ މަޑު ޖައްސާލާފައި ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުގައި ކޮމިޝަންގެ ނިންމުން ބަދަލު ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގެ ގާނޫނާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ދާއިރާތަކުގެ ބައި-އިލެކްޝަތައް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ސިނާން އާއި އިލްހާމްގެ ދާއިރާގެ އިތުރުން ވިލިނގިލީ ދާއިރާ، ދިއްދޫ ދާއިރާ، މަޑުއްވަރީ ދާއިރާ އަދި ތުލުސްދޫ ދާއިރާގެ ބައި އިލެކްޝަން ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ހަވާލާދީއެވެ.
އެގޮތުން ސުޕްރީމް ކޯޓުން މީގެކުރިން އިއްވެވި ޙުކުމުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން ވަކި ކުރުމާއި ނުވަތަ އިންތިޚާބުވި ޕާޓީން އަމިއްލަ އަށް ވަކިވުމާއި ނުވަތަ އިންތޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމާއި، މި ތިން ހާލަތުން ކުރެ ހާލަތެއް، މި މައްސަލައިގެ ހުކުމް ކުރާ ތާރީޚުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މެދުވެރިވެއްޖެ ނަމަ، އެ މެމްބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެމްބަރަކު ވަކިކޮށްފި ކަމަށް ނުވަތަ ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ