މެމްބަރު އިބްރާހިމް ދީދީގެ މައްސަލަ މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފި އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގަ އެވެ. އޭރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ހުންނެވީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރެއްގެ މަގާމުގަ އެވެ. އެމައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ 13:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ. އިބްރާހިމް ދީދީގެ މައްޗަށް މީގެ ކުރިން ވެސް ޓެރަރިޒަމް ދައުވާ އުފުލާފައިވެ އެވެ. މީގެކުރިން އެ ދައުވާ އުފުލައި ހެކިބަސް ނެގުމާ ހިސާބުގައި އޮއްވައި ޕީޖީން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. ޕީޖީ އޮފީހުން އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ