ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރި މެންބަރުންނަށް ސޮއި ނެގުމަށް މަޖުބޫރު ނުކުރުވޭނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ފޯނުން ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ރައީސް މައުމޫނު ވިދާޅުވީ ސޮއި ނެގުމަށް އެންގުމުން އެއްވެސް މެންބަރަކު ސޮއި ނަގާފައިނުވާ ކަމަށާއި އެކަމުން ސާބިތުކޮށްދެނީ މެންބަރުން ތިއްބެވީ ސާބިތުކަމާއެކުގައި ކަން ކަމުގައެވެ.
"އެ ފޮނުވީ ސިިޓީއެއްވެސް ނޫން. ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، އެބޭފުޅުން މިނިވަންކަމާއެކު ވާހަކަފުޅު ދެއްކުމަށާއި ވޯޓު ދެއްވުމަށް ފުރުސަތު ދޭންޖެހެއޭ. އެހެން އޮއްވާ ވަކިކަމެއް ކުރާށޭ، އަންގާ މަޖުބޫރު ކުރުމަކީ އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރައްވާފައިވާ ޕީޕީއެމް މެންބަރުން މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިން ސޮއި ނަގާ އެކަން ޕީޕީއެމް އަށް އެންގުމަށް އެޕާޓީން ވަނީ މެންބަރުންނަށް އަންގާފައެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިޤްބާލް އާދަމް ސޮއި ކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން، އެފަދަ ގަރާރެއްގައި ސޮއިކުރެއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ހިލާފު ކަމެއް ކަމަށެވެ.
"އަދި އެއީ ޕީޕީއެމްގެ އަސާސީ ޤަވައިދުގެ 38 ވަނަ މާއްދާގެ (ރ) އިން ބާރުލިބިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވާ އެ ގްރޫޕުގެ ހިންގާ ޤަވައިދުގެ 22 ވަނަ މާއްދާއައި ވެސް ހިލާފަށް ކުރައްވާފައިވާ ސޮޔެކެވެ." އެ ސިޓީގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުންގެ ސޮޔާއެކު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ޕީޕީއެމްގެ 10 މެންބަރުން ހިމެނެއެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމުސީލު ކުރައްވަމުން ގެންދެވި ގިނަ އަދަދެއްގެ މެންބަރުން ވަނީ ޕާޓީން ވަކިވެފައެވެ.
މަސީހުގެ އިތުބާރު ނެތްކަމަށް ކުރި ސޮއި ނަގަން މަޖުބޫރެއް ނުކުރެވޭނެ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ