ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ އިންސާނީ އަސާސީ ޙައްގެއް، އެ ހައްގު ހަންޏެއް ނުކުރެވޭނެ: މެމްބަރު ނަޝީދު

ޖިނާޢީ ދަޢުވާގެ ޝަރީޢަތް ކުރެވޭހިނދު، ދަޢުވާ ލިބޭ ފަރާތުގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، އިންސާނީ އަސާސީ ޙައްޤުތަކުގެ ތެރެއިން ރައްކާތެރިކުރެވިގެންވާ ޙައްޤެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
 
 ގާނޫނީ ވަކީލް ނަޝީދު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވަނީ ދަޢުވާ ލިބޭ ފަރާތުގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، ޤާނޫނުއަސާސީން ރައްކާތެރިކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ. ނަޝީދު މި ގޮތައް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާގެ ޝަރީއަތް އޭނާއާ ނުލާ ހިންގުމަށްފަހު ހުކުމްކޮށްފައިވަނިކޮށެވެ.
 
"މި ( ދައުވާ ލިބޭ މީހާގެ  ހާޒިރުގައި ޝަރީއަތް ކުރުމުގެ) ޙައްޤުގެ  ފެށުން ގުޅިފައިވަނީ، އިންސާނީ ޙައްޤުތަކުގެ އާލަމީ ޤަރާރުގެ 10 ވަނަ މާއްދާއާއި 11 ވަނަ މާއްދާއާއެވެ. ޖިނާޢީ ދަޢުވާއެއް ކުރެވޭހިނދު، އެ ދަޢުވާ ރައްދުވާ މީހާއާމެދު ޢަދުލުވެރި އަދި ހަމަހަމަކަމާއެކު ޝަރީޢަތް ހިންގުމުގެ ޙައްޤު ލިބިގެންވާކަމަށް ބުނާ ހިސާބުންނެވެ." ނަޝީދު ވިދާޅުވެފައިވެ އެވެ.
 
ފެއަރ ޓްރަޔަލް ރައިޓްސް ނުވަތަ ޢަދުލުވެރި ޝަރީޢަތުގެ ޙައްޤު ތަކުގެ ތެރެއިންވެސް އެންމެ އަސާސީ އެއް ޙައްޤަކީ، އިކުއަލިޓީ އޮފް އާރމްސްގެ އުސޫލު ކަމަށާއި އެ އުސޫލުގެ ތެރޭގައި، ތިމާގެ ހާޒިރުގައި ދަޢުވާ ކުރިއަށް ގެންދިޔުމާއި، ވަކީލެއްގެ އެހީތެރިކަން ލިބުމާއި، އަމިއްލައަށް ނުވަތަ ވަކީލެއް މެދުވެރިކޮށް ދަޢުވާއިން ދިފާޢުވުމާއި ޖަވާބުދާރީވުމަށް މަސައްކަތްކުރުމާއި، ތިމާއާ ދެކޮޅަށް ހެކިބަސް ދޭ މީހުންނާއި ސުވާލުކުރުމާއި ހުށަހެޅޭ ހެއްކަށް ޗެލެންޖުކުރުމުގެ ޙައްޤު ލިބިގެންވުން ހިމެނޭ ކަމަށްވެސް ފާހަގަ ކުރައްވާފައިވާފައިވެ އެވެ.
 
އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ޤާނޫނުއަސާސީގެ 42 (ހ) އިން، އަދި، ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤު 42 ގެ (ށ) އިން ކަށަވަރުކޮށްފައިވާއިރު ގާނޫނު އަސާސީގެ 51 ވަނަ މާއްދާއިން އެމީހެއްގެ ހާޒިރުގައި ޝަރީޢަތްކުރެވުން އެއީ ހައްގެއް ކަމަށް ބުނެފައިވޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އިކުއަލިޓީ އޮފް އާރމްސް އުސޫލުގެ ތެރޭގައި، ތިމާގެ ހާޒިރުގައި ދަޢުވާ ކުރިއަށް ގެންދިޔުމާއި، ވަކީލެއްގެ އެހީތެރިކަން ލިބުމާއި، އަމިއްލައަށް ނުވަތަ ވަކީލެއް މެދުވެރިކޮށް ދަޢުވާއިން ދިފާޢުވުމާއި ޖަވާބުދާރީވުމަށް މަސައްކަތްކުރުމާއި، ތިމާއާ ދެކޮޅަށް ހެކިބަސް ދޭ މީހުންނާއި ސުވާލުކުރުމާއި ހުށަހެޅޭ ހެއްކަށް ޗެލެންޖުކުރުމުގެ ޙައްޤު ލިބިގެންވުން ހިމެނޭ ކަމަށްވެސް އެ ބްލޮގުގައި ބުނެފައިވެ އެވެ.
 
މީގެ އިތުރުން ނަޝީދު ވިދާޅުވެފައިވަނީ ތިމާގެ ޙާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ޅ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށްވާއިރު އެ ޙައްޤު ޤާނޫނުއަސާސީން އެހެން ލިބިދީފައި އޮއްވައި، ޤާނޫނަކުން ނޫންގޮތަކަށް އެ ޙައްޤު ހަންޏެއް ނުކުރެވޭނެއެވެ. އަދި، ނުވެސް ހިފެހެއްޓޭނެއެވެ. އަދި 2ޖުލައި 2017 ގައި ޢަމަލުކުރަންފެށި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު މެދުވެރިކޮށް، ތިމާގެ ހާޒިރުގައި ޝަރީޢަތްކުރެވުމުގެ ޙައްޤު، ބައެއް ޚާއްޞަ އިސްތިސްނާ ޙާލަތްތަކުގައި ހިފެހެއްޓެން އޮތް ނަމަވެސް އެ ޤާނޫނުގެ އެއްވެސް މާއްދާއަކުން، އެ ޙައްޤު އެއްވެސް މިންވަރަކަށް ހަނިކޮށްފައެއް ނުވަތަ ހިފަހައްޓާފައެއް ނެތެވެ.
 
ޖިނާއީ އިޖްރާއަތުގެ ގާނޫނުން ކަނޑައަޅައިދޭ ދަޢުވާގެ ނިޒާމު ބިނާކޮށްފައިވަނީ، އަދި ހުރިހާ މާއްދާއެއްވެސް ލިޔެ އެކުލަވާލާފައިވަނީ، ތިމާގެ ޙާޒިރުގައި ޝަރީޢަތްކުރުމުގެ ޙައްޤު އެއީ އޮތް ޙައްޤެއްކަމަށް ބަލައިގެން ކަމަށް އެ ޙައްޤަށް ދިރުން ލިބޭގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.
 
"މިސާލަކަށް އަންނަނިވި މާއްދާ ފުދެއެވެ. 156 (ރ) ގައިވާގޮތުން، ދަޢުވާ ލިބޭމީހާ ޙުކުމް އިއްވާއިރު ޝަރީޢަތުގެ މަޖިލީހުގައި ހުންނަންޖެހޭކަން ފާހަގަކޮށްފައިވާކަމާއި، އޭނާ އެވަގުތު ހުންނަންވީ ގޮތްވެސް އެ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެއެވެ." ނަޝީދު ލިޔުއްވާފައިވެ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ