އައްޑުއަށް ކަމެއް ކޮށްދިނީ އެމްޑީޕީގެ ސަރުކާރުން؛ ވޯޓު ދޭންވީ ތަންދޮރު ދަންނަ ސޯދިގަށް: ނަޝީދު

އައްޑުއަށް ކަމެއް ކޮށްދިނީ އެމްޑީޕީގެ ދެ ސަރުކާރުން ކަމަށާއި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދޭންވީ އެ ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)އަށް ކަމަށް އެ ޕާޓީގެ ފުރަތަމަ ސަރުކާރުގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނަޝީދު މިގޮތަށް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބުގެ ކެމްޕެއިން ނިންމާލުމަށް މިރޭ އައްޑޫ ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަފްސީލު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ލީޑާޝިޕް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ޕޯޑިއަމްއަށް އަރާވަޑައިގެން ނަޝީދު ފުރަތަމަ ވެސް ވިދާޅުވީ، ސޯދިގު އައްޑޫ ރައްޔިތުންނަށް ވިއްކަން އުޅުމަކީ، "ބަސަރާއަށް ކަދުރު ވިއްކަން އުޅުން" ފަދަ ކަމެކެވެ. އައްޑޫ ރައްޔިތުންނަށް ސޯދިގުއަކީ ކާކު ނޯޅޭނެ ކަމަށާއި އެއީ މި އިންތިހާބުގައި ވާދަ ކުރާ އެންމެ ތައުލީމީ ވެސް ކެންޑިޑޭޓުގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"ހިތަދޫ ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ، ހިތަދޫ ރައްޔިތުން ވޯޓު ދޭންވީ ގޮތް ވަރަށް ސާފުކޮށް އެ ރައްޔިތުންނަށް އެނގޭ. އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ފިޔަވައި ތަރައްގީގެ ކަމެއް [އަދި] އިޖުތިމާއީ ކަމެއް ވެސް ކުރެވިފައި އޮތް ތަނެއް ނުފެންނާނެ،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.
އެއާ އެކު ނަޝީދު ވަނީ އެމްޑީޕީގެ އެ މަނިކުފާނުގެ ސަރުކާރާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެމްޑީޕީގެ ސަރުކާރުން ކޮށްދެއްވި ލިސްޓް ވިދާޅުވެދެއްވާފަ އެވެ. އެގޮތުން، ނަޝީދު ފާހަގަ ކުރެއްވި ކަންކަމަކީ:
ދޮށީ އުމުރުގެ މީހުން، އެކަނިވެރިން މައިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސެއް ދިނީ އެމްޑީޕީން
އެންމެ ކުޑަ އުޖޫރަ ކަނޑައެޅީ އެމްޑީޕީން
ބޭސް ސިޓީއަށް ސަލާން ޖެހުމާއި ފޮތް ލިސްޓަށް އާދޭސް ކުރުން ހުއްޓުވީ އެމްޑީޕީން
އައްޑޫގެ ހުރިހާ އުމްރާނީ ތަރައްގީ
"އައްޑޫ ސިޓީގެ މި ވާ ހުރިހާ އުމްރާނީ ތަރައްގީއަކީ އެއީ އިތުރު ބައެއްގެ އެއްޗެއް ނޫން،، އެމްޑީޕީގެ އެއްޗެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖެ މިއޮތީ ދަރަނީގެ ދުންފަތް މަތީގައި ކަމަށާއި މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ މި ވަމުންދާ ގޮތް ވެސް އެނގޭ، ތަންދޮރު ފިލާފައި ހުރި، ދުނިޔޭގެ އާޖުފާޖު އެނގޭ މީހެކެވެ. އަދި އެ މީހަކީ ސޯދިގު ކަމަށް ނަޝީދު ފާހަގަ ވިދާޅުވި އެވެ.
"މަދަރުސާއަށް ވެސް ގޮސްލާ އުޅުނު ބޭފުޅެއް [އިންތިހާބު ކުރަންވީ]. މިސާލަކަށް ޑެޓް ސަސްޓެއިނަބަލް އެނަލިސްއެކޭ ބުނީމަ، ނޭނގޭ މީހަކު އެތަނަށް [މަޖިލީހަށް] ފޮނުވާނެ ކަމަށް އަޅުގަނޑު ދުވަހަކު ވެސް ގަބޫލެއް ނުކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
މި ބައި-އިލެކްޝަން މި ބާއްވަނީ މި ދާއިރާގެ ގޮނޑި ފުރުއްވި ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން އޭނާގެ ގޮނޑި ގެއްލިގެންނެވެ. އަދި މި އިންތިހާބުގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ވެސް ސިނާން ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް ފަހުން އޭނާ އެ ޓިކެޓް ދޫކޮށްލެއްވި އެވެ.
ސިނާން ޓިކެޓް ދޫކޮށްލެއްވުމުން، ޕީއެންސީގެ ޓިކެޓް ލިބިވަޑައިގެންނެވީ، ޕްރައިމަރީން ނާކާމިޔާބުވި ކެންޑިޑޭޓް އަހްމަދު ސައީދު (ސޮޑާ) އަށެވެ. ނަޝީދު ވިދާޅުވި ގޮތުގަައި، އަހްމަދު ސައީދަކީ "އެމްޑީޕީގެ ކުއްޖެއް" ކަމަށެވެ. ނަމަވެސް އަސްލު ހަގީގީ އެމްޑީޕީ މީހާއަކީ ސޯދިގު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ސައީދަކީ އޮރިޖިނަލްއެއް ނޫން. އެއީ އެމްޑީޕީ ފިކުރުގެ ބޭފުޅެއް. އޭނާ އެ ހުރީ ޕީއެންސީއަށް މިފަހަރު ލޯންކޮށްފައި މި އިންތިހާބުގައި ބައިވެރިވުމަށް. އެހެން ނަމަވެސް ތިބޭފުޅުން އަސްލު އެމްޑީޕީ މީހާ ހޯއްދަވަންޏާ، ކަނޑާލީމާ އެމްޑީޕީ ލޭ އަންނާނެ މީހާ ހޯއްދަވަންޏާ، ތިބޭފުޅުން ވޯޓު ދެއްވަން ވީ ސޯބެއަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ސޯދިގްއަކީ، އައްޑުއަށް ބޭނުންވާނެ ކަންކަން ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ކަންކަން ކުރަން ދަންނާނެ އައްޑޫގެ ރަނގަޅު ދަރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ