ފުވައްމުލަކު ނަރުދަމާގެ މައްސަލަ މިހާރުން މިހާރަށް ހައްލުކޮށްދީ: މެމްބަރު ނާޒިމް

ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ މިހާރުން މިހާރަށް ހައްލުކޮށްދިނުމަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މެމްބަރު މިކަމަށް ގޮވާލެއްވީ މިއަދުގެ މަޖިލީހުގައި ބަޖެޓަށް ބަހުސްކުރައްވަމުންނެވެ.
ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ނަރުދަމާގެ މައްސަލަ އޮތީ ބޮއްސުންލައިގެން ގޮސްފައި ކަމަށެވެ.
އަދި ނަރުދަމާ ޖަންކްޝަންތަކުން ނަޖިސް ބޭރުވުމުގެ ސަބަބުން ރަށުގެ ރައްޔިތުން ތިބީ ނުހަނު ކަންބޮޑުވެ ގޮތް ހުސްވެފައި ކަމަށާއި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައިވެސް މިކަމަށް އޮތީ ހައްލެއް ނުލިބިފައި ކަމަށް މެމްބަރު ނާޒިމް ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީއަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މެމްބަރު ނާޒިމް އެދިވަޑައިގެންނެވިއިރު ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ސެޕްޓެމްބަރު މަހުގައި ހައްލުވާނެ ކަމަށް މޭޔަރު އިސްމާއިލް ރަފީގް ވަނީ ވިދާޅުވެފައެވެ.
ޖަންކްޝަންތަކުން ލީކުވުމުގެ މައްސަލަ ދިމާވެ ކޮންމެ ދުވަހަކުވެސް އެ ސާފުކުރަން ޖެހޭކަން ރަށުގެ ރައްޔިތުން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ފުވައްމުލަކަށް ދިމާވެފައިވާ ނަޖިސް ބޭރުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އަމަލީ މަސައްކަތް ފެށީ ޖުލައި މަހުގެ ތެރޭގައި ކަަމަށެވެ.
އަދި މި އިންވެސްޓްމަންޓަކީ 43 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި އެއީ ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ނަރުދަމާގެ ނިޒާމެއް ކަމަށް ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ފުވައްމުލަކުގެ ނަރުދަމާ ނިޒާމު ގާއިމުކޮށް އިފްތިތާހު ކުރީ، 2018 ސެޕްޓެމްބަރު 14 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ