ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
މާލެ ކައިރީގައި އޮންނަ, ކަނޑުއޮތްގިރީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް މިއަދު އައިސް ވިއްކަން ފަށާފައިވާ ކަމަށް, މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) އިން ބުނެފިއެވެ. މިފްކޯއިން މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި އާންމުކުރި ޕޯސްޓެއްގައެވެ. 'ސަން' އަށް މައުލޫމާތު ދެމުން އެ ކުންފުނިން ބުނި ގޮތުގައި، ކަނޑުއޮތްގިރިން އައިސް ވިއްކަމުން އަންނަނީ ކިލޯއެއް 0.75 ރުފިޔާއަށެވެ. އަދި ޓަނެއްގެ އައިސް ވިއްކަނީ 750 ރުފިޔާއަށެވެ. މިމަހުގެ 13 ވަނަ ދުވަހު ކަނޑުއޮތްގިރީގައި ހުޅުވި މި އައިސް ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ތަނެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ހަމަ އެ ދުވަހު އެ ރަށުގައި ހިކިމަސް ކާރުހާނާއެއް ވެސް ވަނީ ހުޅުވާފައެވެ. https://x.com/mifcomv/status/2081610250453737707 މިފްކޯއިން ފާހަގަކުރި ގޮތުގައި، ކަނޑުއޮތްގިރިން އައިސް ލިބެން ފެށުމަކީ މާލެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. ކަނޑުއޮތްގިރިން އައިސް ވިއްކަން ފަށާފައިވާއިރު، މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވެފައިވާ ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ވަނީ މިމަހުގެ ކުރީކޮޅު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޔޫނިއަނުން އޭރު ބުނެފައިވަނީ، މިފްކޯގެ އައިސް ޕްލާންޓްތަކުން ދުވާލަކަށް ދޯންޏަކަށް ވިއްކާ އައިސްގެ މިންވަރު ދެ ޓަނަށް ލިމިޓްކުރުމަކީ މަސްވެރިންނަށް މަހަށް ފުރަން އޮތް ބޮޑު ހުރަހެއް ކަމަށެވެ. ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި -- ފޮޓޯ: މިފްކޯ ކަންނެލި މަސްވެރިކަމުގެ ބާވަތުން ދެ ޓަނު އައިސްއަކީ ދުވާލެއްގެ މައްޗަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށް ވެސް އެ ޔޫނިއަނުން އޭރު ވަނީ ބުނެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ