ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުالله ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް ލީކުވެއްޖެ އެވެ.
ނޮވެމްބަރު 28, 2019 ގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި, ޖަލަށް ލާން ހުކުމް ކުރީ ކުރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.
އެ ބެންޗުގައި ގާޒީ ފާއިޒުގެ އިތުރުން ދެން ތިއްބެވީ އޭރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރު އަދި ގާޒީ އަލީ އާދަމެވެ.
ލީކުކޮށްލާފައިވާ ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާގެ އޯޑިއޯގައި ޔާމީންގެ ހުކުމާ ގުޅޭ ގޮތުން އެހެން މީހަކު ސުވާލުކުރާ އަޑު އިވެ އެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބު ދޭން ބޭނުން ނުވެ, ހުކުމެއް ކުރުމަށްފަހު އެއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ ބުނާ އަޑު އިވެ އެވެ.
ނަމަވެސް ސުވާލުތައް އޭނާއާ ތަކުރާރުކޮށް ކުރުމުން, ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ, އޭނާ މަސައްކަތް ކުރެއްވީ ޔާމީނާ އެއްކޮޅަށް ކަމަށާއި އެ ހުރިހާ ކަމެއް ރައީސް ޔާމީނަށް އެނގޭ ކަމަށް ބުނެ އެވެ. އަދި އެހެން މީހުން އެކަމާ މައްސަލަ ޖައްސަނީ ކީއްވެތޯ ސުވާލު ކުރެ އެވެ.
ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ ބުނީ, އޭނާ ކުރި ހުރިހާ ކަމެއް ކުރީ ޔާމީންގެ މަސްލަހަތުގައި ކަމަށާއި ޔާމީނަށް ދެރަ ގޮތެއްވާން ނޭދެނޭނެ ކަމަށެވެ. އަދި އެ ވާހަކަތައް ތަފުސީލު ކުރާނީ 2023 ގައި ކަމަށް ބުނާ އަޑުވެސް އިވެ އެވެ.
އިތުރަށް ވާހަކަ ދައްކަމުން ޔާމީނަށް ހުކުމް ކުރީ ރިޝްވަތު ނަގައިގެން ނުވަތަ ބިރު ދައްކައިގެން ނޫން ކަމަށާއި ނަމަވެސް އެ ނިންމުން ނިންމުމުގައި ވަރަށް ބައިވަރު ސަބަބުތައް ހުރި ކަމަށް ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ ބުނެ އެވެ.
އޯޑިއޯގައި ފަނޑިޔާރުން ރަހީނު ކުރީތޯވެސް ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާއާ ވާހަކަ ދެއްކި މީހާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ”އެހެން ކަމަށް ބަލަމާ“ހޭ އޭނާ ބުނާ އަޑު އިވެ އެވެ.
މަނީ ލޯންޑަރިން ކުރި ކަމަށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. ނަމަވެސް އެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހަށެވެ.
ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯ: “ކުރި ކަމެއް ކުރީ ޔާމީންގެ މަސްލަހަތުގައި، ރިޝްވަތެއް ނުނަގަން“
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ