އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލް އަދިވެސް ހިންގަމުން ދަނީ ސްރީލަންކާގެ އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިންކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އޭއޭއޭއާ ދެކޮޅަށް އެ ސްކޫލްގައި ކިޔަވަމުންދާ 47 ދަރިވަރަކު މިހާރު ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެ ދަރިވަރުން ތަމްސީލުކުރާ ޕްރިމިއާ ޗެމްބާސް އަށް ސިވިލް އޭވިއޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ސިޓީއަކުންނެވެ.
އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހުސެއިން ޖަލީލު ސޮއިކުރައްވާ ފޮނުވި އެ ސިޓީގައި ވިދާޅުވީ އޭއޭއޭ އާއި އެވިޑް ކޮލެޖާއި ދެމެދު ހެދިފައިވާ އެއްބަސްވުމުގެ ދަށުން އެވިޑަށް އޮތީ ސްކޫލް މެނޭޖު ކުރުމުގެ ރޯލެއް ކަމަށާއި ނަމަވެސް މިކަމާ ގުޅިގެން އެވިޑުން ދައްކާފައިވާ ވާހަކަތަކުގައި ބޮޑެތި އޮޅުންތަކެއް ހުރުމުން މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވިޑާއި އޭއޭއޭ އާއި ބައްދަލުކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި ސިވިލް އޭވިއޭޝަނުން އޭއޭއޭ އަށް ދޫކޮށްފައިވާ ސޭފްޓީ އެޕްރޫވަލް އެހެން ބަޔަކަށް ބަދަލުނުކުރެވޭނެ ވާހަކަ ވަރަށް ސާފުކޮށް ބުނެފައިވާނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އެގޮތުން ފްލައިންއާ ގުޅޭ ހުރިހާ ކަމެއް ވެސް ހިންގަންޖެހޭނީ އޭއޭއޭގެ ދަށުންކަން އަންގާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މިކަން ހާމަވެފައިވާއިރު ފްލައިން ސްކޫލު ގަނެ އެތަން ހިންގުމުގެ މަސައްކަތާއި ހަވާލުވެފައިވާ ކަމަށް އެވިޑް ކޮލެޖުން މިދިޔަ ޖޫން މަހުގެ ފަހުކޮޅު ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ދާދިފަހުން އޭއޭއޭ އިން ސިވިލް ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި އޭއޭއޭ އާއި އެވިޑާއި ދެމެދު ހެދިފައިވަނީ ލީސް އެގްރީމެންޓެކެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާއްމުންގެ މީހަކު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅި ސުވާލުތަކަށް ދާދިފަހުން ދިން ޖަވާބުގައި އެ މިނިސްޓްރީން ބުނީ ފްލައިން ސްކޫލެއް ހިންގުމުގެ އެއްވެސް ހުއްދައެއް މިހާތަނަށް އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) އަށް ދޫކޮށްފައި ނުވާ ކަމަށެވެ.
އަދި އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެޕްރޫވަލް ހޯލްޑުކުރާ އޯގަނައިޒޭޝަނެއްގެ އެޕްރޫވަލްގެ ދަށުން އެހެން ފަރާތަކަށް އެޕްރޫވްޑް ކޯސްތަކެއް ނުހިންގޭނެ ކަމަށާއި އެޕްރޫވްޑް އޯގަނައިޒޭޝަނެއްގެ ހިއްސާ ގަންނަ ފަރާތެއް، އެ ހިސާބުން ފެށިގެން ވާނީ އެޕްރޫވްޑް އޯގަނައިޒޭޝަންގެ ހިއްސާދާރަކަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭރުން ހިއްސާދާރަކަށް ލިބޭ ހުރިހާ ހައްގުތަކާއި މަންފާތަކެއް އެ ފަރާތަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ނަމަވެސް އެވިޑް ކޮލެޖުން އޭއޭއޭގެ ހިއްސާ ގަނެފައިނުވާތީ އޭއޭއޭގެ ވަސީލަތްތައް ކުއްޔަށް ނަގައިގެން ފްލައިން ސްކޫލެއް ހިންގުމުގެ ފުރުސަތެއް ނެތެވެ.
އޭއޭއޭ އާއެކު ގަން އެއާޕޯޓު ކުންފުނިން ހެދި އެއްބަސްވުން މިދިޔަ މަހުގެ 31 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ. އަދި އެ އެއްބަސްވުން އާކޮށްނުދޭން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީން (އޭއައިއޭ) ވަނީ ނިންމާފައެވެ.
އޭއޭއޭ އިން އައްޑޫގައި ފްލައިން ސްކޫލް ހިންގާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ގިނަ އަދަދެއްގެ ދަރިވަރުންގެ ކޯސް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ. އަދި ސްކޫލްގައި ހުރި މައްސަލަތައް ބައެއް ދަރިވަރުން ހާމަކުރަން ފެށުމާއެކު ބައެއް ދަރިވަރުން ވަކިކުރަން މެއިލްތައް ވެސް ފޮނުވާފައިވާއިރު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އެންގުމަށް އެ ދަރިވަރުން ވަނީ އަލުން ސްކޫލަށް ވައްދާފައެވެ.
ފްލައިން ސްކޫލް އަދިވެސް ހިންގަނީ އޭއޭއޭ އިންކަން ހާމަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ