ޖަނަރޭޓަރެއް ލިބޭނެ ދުވަހަކަށް ވަންދޫ ރައްޔިތުން ކެތްމަދުވެފައި

އާބާދީގައި 400 އެއްހާ މީހުން ދިރިއުޅެމުން އަންނަ ވަންދޫއަށް ކަރަންޓު ފޯރުކޮށްދެމުން ދިޔައީ ދެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. އެއީ 108 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 120 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އޭގެ ތެރެއިން 108 ކިލޯވޮޓުގެ ޖަނަރޭޓަރު ކުޑަ ކަމުން މުޅި ރަށަށް ކަރަންޓު ފޯރުކޮށް ނުދެވޭއިރު، 120 ކިލޯވޮޓުގެ ޖަނަރޭޓަރުން ދެ ތެޔޮ އެއްވާތީވެ ކަރަންޓެއް ނުނަގައިދެ އެވެ. 
ވަންދޫ ކައުންސިލުގެ ނައިބް ޝިރާޖު އިބްރާހީމް، "ސީއެންއެމް" އަށް ވިދާޅުވީ، ރަށަށް މިވަގުތު ފޯރުކޮށްދެމުންދަނީ ވަގުތީ ކަރަންޓު ކަމުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް ކޮންމެހެން ބޭނުންކުރަންޖެހޭ ކަަރަންޓު ފިޔަވައި އިތުރަށް ކަރަންޓު ބޭނުން ނުކުރުމަށް ރައްޔިތުންނަށް އަންގާފައިވާނެ ކަމަށެވެ. ޝިރާޖު ވިދާޅުވީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެހެން ރަށަކުން އެރަށަށް ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިގެ ފަރާތުން މައުލޫމާތު ލިބޭ ކަމަށެވެ. ވަންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓުގެ މައްސަލަކަން ފާހަގަކުރައްވާ ޝިރާޖު ވިދާޅުވީ، ކަރަންޓުގެ މައްސަލައަށް ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށެވެ. އަދި ވީހާވެސް އަވަހަށް 160 ކިލޯވޮޓަށް ވުރެ މަތިން ކަރަންޓު ނަގައިދޭ ޖަނަރޭޓަރެއް އެރަށަށް ލިބި ރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބުމަކީ ކުރާ ވަރަށް ބޮޑު އުއްމީދެއް ކަމަށް ޝިރާޖު ވިދާޅުވިއެވެ. އެރަށަށް ކަރަންޓު ދެމުން އަންނަނީ ފެނަކައިންނެވެ. އެކަމާއި ގުޅިގެން ފެނަކައިގެ ބަހެއް އަދި ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ