ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލުކުރާތީ ސުޕްރީމް ކޯޓުން ހިތްހަމަނުޖެހުން ފާޅުކޮށްފި

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ސުޕްރީމް ކޯޓުން (މަޖިލިސް) ރައީސްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް ވިދާޅުވީ ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ގެންދިއުމަކީ އެއީ، ޣައިރު ދުސްތޫރީ އަދި ބައިންއަގުވާމީ މިންގަނޑުތަކާއި ތަހުޒީބީ ދުނިޔޭގެ އުސޫލްތަކާއި ވެސް ޚިލާފު އަދި އޭގެ ސަބަބުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރު ބަނދެވިގެންދާ ހިލިހިލާއެއް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ކުރާ ކަމަށެވެ.
"އުޑުބޮލަށް ބެއްޓޭވަރު ކަމަކަށް މިވަނީ ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ގެންދިއުމަކީ. ހަމައެއާއެކު މި ސިޓީގައި ބަޔާން ކޮށްފައިވަނީ އާލަމީ މަބްދައުތަކާއި. އިނގޭތޯ. އާލަމީ މަބްދައުތަކާއި ހެޔޮ ޑިމޮކްރަސީއަށް އިހުތިރާމު ނުކުރާ ދައުލަތެއް ކަމަށް ބެލެވި، ގައުމުގެ ޝަރާފާއި އަބުރަށް ވެސް އުނިކަމާއި ނިކަމެތިކަން ލިބިގެންދާނެ ކަމެއް ކަމަށް ވަނީ." އިމްތިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސިޓީގައި ބޭނުންކޮށްފައިވާ އިބާރާތްތަކުން މުއައްސަސާތަކަށް ގާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުން ބާރު ފޯރުވާ މިންވަރު އެނގިގެންދާ ކަމަށާއި މިފަދަ ކަމަކަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށެވެ. ކޯޓުތައް ހެދުމުގެ ގާނޫނާއި ބަޖެޓު ވެސް ދެނީ މަޖިލީހުން ކަމަށް ވުމުން މަޖިލީހުގެ ވާޖިބުތައް އަދާ ކުރުމަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތްތައް މެމްބަރު ވަނީ ކުށްވެރި ކުރައްވާފައެވެ.
ޑީޖޭއޭ އަކީ ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ރާވާއި ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ އިދާރާއެވެ. ޖޭއެސްސީގެ ޤާނޫނު ފުރަތަމަ ފާސްކުރިއިރު ވެސް ޑީޖޭއޭ އަކީ ޖޭއެސްސީގެ ދަށުން ހިނގަމުން އަންނަ އިދާރާއެއްގެ ގޮތުގައި އޮތީ ކަނޑައަޅާފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުން 02 ޑިސެމްބަރ 2008 ގައި ނެރުނު ރޫލިން އަކުން ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިހާރު މި އިދާރާ ހިންގުމާ ޙަވާލުވެތިއްބެވި ފަރާތްތަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ޖަވާބުދާރީވަމުން ގެންދާނީ ސުޕްރީމް ކޯޓަށެވެ.
ޑީޖޭއޭގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޝަރުޢީދާއިރާއަށް ބޭނުންވާ ޢިމާރާތްތަށް ކުރުމާއި، މަރާމާތުތައް ކުރުމާއި، ޓެކޮނޮލޮޖީ ފޯރުކޮށްދިނުމާއި، މީހުންބިނާކުރުމާއި، ތަފާސްހިސާބު އެއްކޮށް ޝާއިޢުކުރުމާއި، ވަޒީފާ ދިނުމާއި ވަކިކުރުން އަދި އިދާރީއެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމެވެ.
ޑީޖޭއޭ ސުޕްރީމް ކޯޓުގެ ދަށަށް ބަދަލު ކުރުމަކީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރިން ފެށިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އައި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ