ޖީވައިޕީއޭގެ ޝަރަފްވެރި މެހުމާނަކަށް ރައީސް ނަޝީދު

ރަފީގެ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރ ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.
ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން ބުނީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އާއި ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް (ޖީވައިޕީއޭ) ކުރިއަށްދާނީ އޮގަސްޓް މަހުގެ 28 އިން 31 އަށް ކަމަށެވެ.
މިޕްރޮގްރާމުގެ ތެރެއިން ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވަނީ ޖީވައިޕީއޭ ނިންމުމުގެ ރަސްމިއަޔާތުގައާއި ޕްރޮގްރާމުގެ ތެރެއިން ހުރިހާ ބައިވެރިން ހިމެނޭގޮތަށް ކުރިޔަށްގެންދާ ސްނޯކްލިންގ އިވެންޓް "ސްނޯކްލް ފޯރ ގްލޯބަލް ޕީސް - އައި އޭމް ޕީސް ވިތް މެރިން ލައިފް، ސްޓޮޕް ލިޓަރރިންގ" އިވެންޓްގައި ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ.
ރައީސް ނަޝީދު މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހުމާ ގުޅިގެން ރަފީ ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވީ، ގައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ޕީސްއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންގެންދަވާ ވަރުގަދަ ޝަހުސިއްޔަތެއް މިޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ހަމަޖެހިގެންދިޔުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި ރަފީއިން ދެއްވި ދައުވަތު ގަބޫލުކުރެއްވި ކަމަށްޓަކައި ރައީސް ނަޝީދަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރަފީ ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި "ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ދުވަހުން ފެށިގެން މިހަރަކާތަށް ދަނީ ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
އެގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގްލޯބަލް ސްކޭލްއެއްގައި ޕީސްއަށްޓަކައި ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވޭ މިއިވެންޓުން ޖުމްލަ 25 ގައުމު ހިމެނޭގޮތަށް 150 ބައިވެރިން ތަމްރީނުވެގެންދާނެ ކަމުގައި ރަފީއިން މައުލޫމާތު ދެއްވައެވެ.
މިޕްރޮގްރާމުގެ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު މިހާރު ކުރިޔަށްދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެ އެވެ. އަދި މިހަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި މިފަރާތްތަކާއިއެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކަމަށޤވެސް މައުލޫމަތުދެ އެވެ.
އެގޮތުން މިހާތަނަށް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް، ވަން ވަރލްޑް، މޯލްޑިވްސް ޕޮލިސް ސަރވިސް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ހިމެނެއެވެ.
މީގެ އިތުރުންވެސް މި ޕްރޮގްރާމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކުގެ ބައިވެރިވުން ފެނިގެންދާނެ ކަމުގައި ރަފީއިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ