މާމެންދޫގައި ފެންބޮޑުވެ، ކަރަންޓު ކަނޑާލަން ޖެހިއްޖެ

ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ލ. މާމެންދޫގައި ފެންބޮޑުވެ 200 އަށް ވުރެ ގިނަ ގެޔަށް ފެން ވަދެ ރަށުން ކަރަންޓު ވެސް ކަނޑާލަން ޖެހިއްޖެ އެވެ.
ފުލުހުން މިރޭ ބުނީ މާމެންދޫގެ 200 ގެއަކަށް ފެން ވަނުމުގެ އިތުރުން، އެ ރަށުގެ ބޮޑު ބައެއް ފެނު އަޑީގައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ރަށުން ކަރަންޓު ވެސް މިހާރު ކަނޑާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިއަދު އިރުއޮއްސުނު ވަގުތުން ފެށިގެން 8:30 ވީ އިރު ވެސް މާމެންދު އަށް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. އޭރު ވަނީ މުޅި ރަށުގައި ފެން ބޮޑުވެފަ އެވެ.
މީގެއިތުރުން ލ.ހިތަދޫގެ 30 ގެއަކަށް އަދި ލ.މާވަށުގެ ހަތް ގެއަކަށް ވެސް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފެން ހިއްކުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން މިހާރު އަންނަނީ ކުރަމުންނެވެ.
ލ.އަތޮޅުގެ އިތުރުން ގދ.އަތޮޅަށް ކުރަމުންދާ ވިއްސާރާގައި ތިނަދޫގައި ފެންބޮޑުވެ ތިން ގެއަކަށް ފެން ވަދެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު، މެޓް އޮފީހުން ވަނީ މިރޭގެ އެކި ވަގުތުތަކުގައި އެކި ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ