މި މަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކޮށްފި

މި ހިނގާ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފި އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މީގެ އިރުކޮޅެއް ކުރީން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކަރަންޓުގެ އަގު ހެޔޮ ކުރުމުގައި މައިގަނޑު ސިޔާސަތަކަށް ބައްލަވައިފައި ވަނީ މާލެ އާއި އަތޮޅުތަކުގައި ކަރަންޓުގެ އަގު ނެގުމުގައި ހުރި ފަރަގު ކުޑަކުރުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރީން ރަށްރަށުގައި ކަރަންޓުގެ އަގު ހުރި ގޮތަށް ބަލާ އިރު ވިޔަފާރިވެރީން އަތުން ނަގާ އަގުގައި ވަރަށް ބޮޑު ފަރަގެއް ހުރި ކަމަށާއި އެހެން ނަމަވެސް މި ގެންނެވި ބަދަލުގެ ސަބަބުން ރަށްރަށުގައި ވިޔަފަރިކުރައްވާ ފަރާތްތަކަށް ވެސް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
"ބިޒްނެސް ކެޓަގަރީއަށް މި ގެނައި ހެޔޮ ބަދަލުގެ ސަބަބުން އަތޮޅުތަކުގައި ވިޔަފާރިކުރައްވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ. ކުރީން 4600 ރުފިޔާ ދެއްކި މީހުން މިހާރު ދައްކަން ޖެހޭނީ 3400 ރުފިޔާ. އެހެންވީމަ އެބޭފުޅުންނަށް 1200 ރުފިޔާ ކޮންމެ މަހެއްގެ ކަރަންޓު ބިލުން ލުއިވާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ޑީސަލްގެ ޑިއުޓީއަށް ނަގަމުން އައި ފަސް ޕަސެންޓް މި ސަރުކާރުން ކަނޑާލާފައިވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބެން ޖެހޭ ލުއިތައް ވެސް ވަރަށް އަވަހަށް ލިބެން ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ