ބިދޭސީންގެ ގުރޫޕަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ދުނބުރު މިސްކިތާވީ ދިމާލު ހަތަރު އަނގޮޅި ކަންމަތީގައި ހިނގި މާރާމާރީއެއްގައި ބިދޭސީންގެ ގުރޫޕަކުން ބިދޭސީއަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. ފުލުހުން ބުނީ އެ މާރާމަރީގެ މައުލޫމާތު 22:27 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ހަމަލާގައި 25 އަހަރުގެ ބިދޭސީ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެ މާރާމާރީ ހިނގާފައިވަނީ ބިދޭސީންނަށް ކާންދޭ ގެސްޓް ހައުސްއެއްގެ ތެރެއިން ކަމަށް އެނގިފައިވެ އެވެ. އައިޖީއެމްއެޗުން ބުނީ މާރާމާރީއެއްގައި ތޫނު އެއްޗަކުން ޒަހަމްވި ބިދޭސީއަކަށާއި ހަމަލާދިން ބިދޭސީއަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ. އެމީހުން ހޮސްޕިޓަކަށް ގެންދެވުނީ މިރޭ 11:30 ހާއިރު ކަމަށް ހޮސްޕިޓަލުން ބުންޏެވެ. ޒަހަމްވި މީހާއަށް ފަރުވާ ދެނީ އައިޖީއެމްއެޗުގެ އީއާރުގައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ. މަންޒަރު ދުއް މީހަކު 'ސަން' އަށް އެ މާރާމާރީ ހިންގި އެއް ބިދޭސީ މީހަކު ހަމަލާ ދިނުމަށް ފަހު ފިލަން ކައިރި ހުރި ގެއެއްގެ ތިން ވަނަ ބުރިއަށް އަރާ ފުލުހުން ހައްޔަރުކުރަން އުޅުމުން ތިންވަނަ ބުރިން ފުއްމާލާފައިވާ ކަމަށެވެ. ފުއްމާލި ވަގުތު މަގުމަތީގައި ތިބި ފުލުހުން އެ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ. އައިޖީއެމްއެޗުން ބުނީ ހަމަލާދިން މީހާއަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އެމީހާއަށް ވެސް ފަރުވާ ދެމުންދާ ކަމަށެވެ. އޭނާ އޮތީ އައިޖީއެމްއެޗުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ