ގަދަކަމުން އެންޓިބައޮޓިކް ދޭން އުޅުނު ވާހަކަ އައިޖީއެމްއެޗް އިން ދޮގުކޮށްފި

ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގެ އުސޫލާ އެއްގޮތަށް ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
އެ ހޮސްޕިޓަލުން މިހެން ބުނެފައި ވަނީ އެކްސްގައި ކާކުކަން ނޭނގޭ އައިޑީއަކުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައިޖީއެމްޗުގައި ވިހެއި ތުއްތު ކުއްޖެއްގެ ލޭގެ ޓެސްޓުތައް ހެދުމުން އެ ކުއްޖާގެ އެއްވެސް އިންފެކްޝަނެއް ނެތްކަން އެނގުމުން ވެސް ނޭވާލުން އަވަސް ކަމަށް ބުނެ އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދޭން އުޅުނު ކަމަށެވެ. އަދި ކުއްޖާގެ މަންމަ އެކަން ހުއްޓުވަން އުޅުމުންވެސް އެއީ ކުޑަކުއްޖެއްގެ ހައްގަކަށް އަރައިގަތުން ކަމަށާއި ޑޮކްޓަރު ކަމާ ބެހޭ އިދާރާ އަށް އެ މައްސަލަ ރިޕޯޓްކުރާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށް ވެސް އެ ޕޯސްޓުގައި ތުހުމަތުކޮށްފައެވެ.
އަދި ހަކުުރު ދަށްވެގެން ކަމަށް ބުނެ އެ ކުއްޖާ ނާސަރީ އަށްލާ އޭގެ ދެ ގަޑިއިރު ފަހުން ހަކުރު ހުރި ވަރު ރަނގަޅު ކަމަށް އެންގި ކަމަށް އާއިލާ އިން ބުނެއެވެ. ނަމަވެސް އެ ކުއްޖާ އަށް އެންޓިބަޔޮޓިކްސް ދޭން ޖެހޭ ކަމަށް އަންގައި ބޭސް ދިނުމަށް ފަހު ކުއްޖާ އަށް ރޮވޭތީ ކަމަށް ބުނެ އަނގަމަތީގައި ފޮތިގަނޑެއް ވެސް ބޭއްވި ކަމަށް އެ ޕޯސްޓުގައި ވެއެވެ.
އެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ ވާހަކަތަކެއް މީސްމީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާއި ހިލާފަށް ދެކެވެމުންދާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.
ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި މީސްމީޑިއާގައި ބަލި މީހެއްގެ ހާލަތާއި ފަރުވާއާއި ބެހޭ ގޮތުން ވަކިގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް، ބަލި މީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފްސީލުތަކަކީ އާންމުކޮށް މީސްމީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވެއެވެ.
އެ މައްސަލައިގައި ވެސް ބޭސް ދިނުމާއި ފަރުވާއާއި ގުޅުން ހުރި އެހެނިހެން ކަންކަން ބަލި މީހާގެ އާއިލާއާއި މަޝްވަރާ ކޮށް، ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށެވެ. އަދި ފަރުވާ ދޭއިރު ހިތްހަމަ ނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅު ނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިއަށްދާހެން ބަލި މީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަ ކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް، އޮޅުން ފިލުވޭނެ އިންތިޒާމުތަކާއި އަދި އެއަށްފަހު ވެސް މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާއި ބެހޭ ފަރާތްތަކަށް ވަގުތުން ވަގުތަށް ހުށަހެޅޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާނެ ކަމަށެވެ.
ހިތްހަމަ ނުޖެހޭ ހާލަތެއް ދިމާވުމުން މިއިން މަގެއް ހިޔާރު ކުރުމުގެ ބަދަލުގައި މީސްމީޑިއާގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް އެ ހާދިސާއަކާ ގުޅުވައި ހޮސްޕިޓަލުގައި ރައްޔިތުންނަށް ހިދުމަތްދޭ ފަރާތްތަކުގެ ފޮޓޯ އާންމު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
"ޑޮކްޓަރުންގެ ފޮޓޯ އާންމުކޮށް އެފަރާތްތަކުގެ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭފަދަ އަމަލުތައް މިހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދައިން ކުރާ އަމަލުތަކާއި ގުޅިގެން ހޮސްޕިޓަލުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ދަންނަވަން" ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ ކުރިން ވެސް އެހޮސްޕިޓަލަށް ތުހުމަތުކޮށް މިފަދަ ވާހަކަތަކެއް މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ދައްކާފައެވެ. އަދި ބައެއް މައްސަލަ ހެލްތް މިނިސްޓްރީންވެސް ވަނީ ބަލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ