ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާދެކޮޅަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދީނީ ފަތުވާދޭ މަތީ މަޖިލީހުގެ ނިންމުމާއި ޚިލާފަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވާފައި ވާތީ އެކަން ކުއްލި މައްސަލައެއް ގޮތުގައި މަޖިލީހަށް ހުށަހަޅައިފިއެވެ.ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅުއްވަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި އިސްލާމް ދީނާ ހިލާފު ކަމެއް ނުކުރެވޭނެ ކަމަށް ބުނެފައިވާއިރު އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހުއްދަ ކަމެއް ނޫންކަން ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.އެގޮތުން އެ ނިންމުމާއި ހިލާފަށް ރައީސް ޞާލިޙް އަންހެން ފަނޑިޔާރުންގެ ނަންތައް ފޮނުވުމަކީ އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ކަމަކަށް ވާތީ ކުއްލި މައްސަލަ ހުށަހެޅުއްވީ ކަމަށެވެ.މެމްބަރު ނަޝީދު ވިދާޅުވީ، އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމާއި، އެއާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި އަންހެނުންނާ ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލު ކުރެވޭ މީހާވެސް ފާފަވެރި ވާނެ ކަމަށް ފަތުވާ މަޖިލީހުން ވެސް ބުނެފައިވާކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.މި މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަކީ ކުއްލި ކަމެއްތޯ ނުވަތަ މައްސަލައެއްތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް އަރާފައިވާ ބޮޑު އޮޅުންތައް ސާފު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާތީ ވޯޓަށް އެހުމަށް ނިންމާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ 52 މެމްބަރުންގެ ވޯޓާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ