ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ސެޕްޓެމްބަރު 01 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވެފައި ވަނީ އިއްޔެ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފައި ވާތީ އެވެ.
ބޮޑެތީ ތުހުމަތުތަކެއް ކުރެވޭ ދީދީ މަގާމުން ވަކި ކުރީ ރައްޔިތުންގެ މަޖިލީހުގެ 72 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާގެ މައްޗަށް ރިޝްވަތު ނެގުމުގެ ޖިނާއީ ތުހުމަތު ކުރެވޭއިރު، ޖޭއެސްސީން ކުރި ތަހުގީގުން ވަނީ ސުލޫކީ މައްސަލަތައް ސާބިތުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެއާއެކު އިތުރުވި ދެ މަގާމަށް އައިޝަތު ޝުޖޫނާއި އަޒްމިރަލްދާ ޒާހިރު އައްޔަނު ކުރަން ފެންނަ ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ. އެކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް ތާއީދު ކުރެ އެވެ.
ޖޭއެސްސީން މިއަދު ނެރުނު އިއުލާނުގައި ވަނީ އިއްޔެ ހުސްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކުރަން އެ ކޮމިޝަނަށް ފެންނަ ފަރާތެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާނެ ކަމަށެވެ. ގާނޫނުގައިވާ ގޮތުން ފަނޑިޔާރު ކަމަށް މީހަކު އައްޔަނު ކުރެވޭނީ ރައީސް ނަން ފޮނުއްވުމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ