މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: 15 އަހަރުން ދަށުގެ ކުޅުން ފަށައިފި

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2019 ގެ 15 އަހަރުން ދަށުގެ ބައިގެ ކުޅުން މިއަދު ފަށައިފި އެވެ.
މިއަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދާނީ 3 އުމުރުފުރާއެއްގެ ކުޅުމެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 18 އަހަރުން ދަށެވެ. އެގޮތުން މުބާރާތުގައި އެންމެ ފުރަތަމަ ފަށާފައިވަނީ 15 އަހަރުން ދަށުގެ ބައިގެ ކުޅުމެވެ.
15 އަހަރުން ދަށުގެ ބައިގައި މިފަހަރު ޖުމްލަ 16 ސްކޫލަކުން ވާދަކުރެއެވެ. މި އުމުރުފުރާގެ ކުޅުން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ކުޅުން މިއަދު މެންދުރުފަހު ފެށިއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ވަނީ ބާއްވާފައެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލް އެވެ. އަދި މި ހަފުލާގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެވޭއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރަވީ ސްކޫލާއި ޖަމާލުއްދީން ސްކޫލެވެ. މި މެޗު 4-0 އިން ކާމިޔާބުކުރީ ޖަމާލުއްދީން ސްކޫލެވެ.
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޣާޒީ ސްކޫލާއި ތާޖުއްދީން ސްކޫލެވެ. މި މެޗު 3-1 އިން ކާމިޔާބުކުރީ ޣާޒީ ސްކޫލުންނެވެ.
މިއަހަރުގެ މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގައި 18 ސްކޫލެއް ވާދަކުރާއިރު، 18 އަހަރުން ދަށުގެ އުމުރުފުރާގައި 6 ސްކޫލެއް ވާދަކުރެއެވެ. މި ދެ އުމުރުފުރާގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ