ދީނީ ކަންކަމުގައި ބޭނުންކުރާ ތަންތަނަށް ލަންކާގައި ހިލޭ ކަރަންޓު ދެނީ

ސްރީ ލަންކާގައި ދީނީ ކަންކަމަށް ބޭނުންކުރާ ތަންތަނަށް ހިލޭ ކަރަންޓު ދިނުމުގެ ޕްރޮގްރާމް އަންނަ މަހު ފަށާނެ ކަމަށް އެ ގައުމުގެ ޕަވަ، އެނާޖީ އެންޑް ބިޒްނަސް މިނިސްޓަރު ރަވީ ކަރުނަނަޔަކަ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ބުޑިސްޓުންނާއި ކްރިސްޓިއަނުންގެ ފައްޅިތަކުގެ އިތުރުން މިސްކިތްތަކަށް ވެސް މި ޕްރޮގްރާމްގެ ދަށުން ކަރަންޓު ހިލޭ ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ދީނީ ކަންކަމަށް އަދި އަޅުކަން ކުރުމަށް ބޭނުންކުރާ ތަންތަނަށް ލިބެނީ ވަރަށް ކުޑަ އާމްދަނީއެއް ކަމަށާއި ހިލޭ ކަރަންޓު ދޭން ނިންމީ އެހެންވެ ކަމަށެވެ.
އެކަމަކު މި ތަންތަނަށް ހިލޭ ކަރަންޓު ލިބޭނީ ވަކި މިންވަރަކަށް ކަމަށާއި އެ މިންގަނޑަށް ވުރެ އިތުރަށް ބޭނުންކުރާ ކަރަންޓަށް އަގު ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ މި ޕްރޮގްރާމަށް ސަރުކާރުން 1.1 ބިލިއަން ރުޕީސް ހޭދަވާނެ ކަމަށެވެ.
މި ޕްރޮގްރާމް ފެށުމަށް ރައީސް މައިތިރްޕަލަ ސިސިރޭސާނޭ އިތުރުން ކެބިނެޓާ ވެސް މަޝްވަރާކުރާނެ ކަމަށާއި އޭގެ ފަހުން، އަންނަ މަހުގެ ފަހުކޮޅު ޕްރޮގްރާމް ފެށޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ