އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި ދައުވާ ކުރެވޭކަށް ނެތް: ޕީޖީ އޮފީސް

ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، ހާލު ދެރަވެ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލާގައި ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އަންގައިފިއެވެ. އަބްދުﷲ ރަޝީދު މަރުވީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އައިޖީއެމްއެޗުގައެވެ. އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލާގައި ޝާމިލުވާ މެޑިކަލް އޮފިސަރުންނާއި، ޑިއުޓީ އޮފިސަރުން ދީފައިވާ ބަޔާންތަކުން އެ މައްސަލާގައި އަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބެލެވެންނެތް ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ މައްޗަށް ރަސްމީ ވާޖިބު އަދާނުކޮށް ދޫކޮށްލިކަމުގެ ދައުވާއެއް ނުވަތަ އިހުމާލުގެ ދައުވާއެއް ކުރެވިދާނެކަމަށް ކާފީ ހެއްކާއި ގަރީނާ ލިބިފައިނުވާކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އެޗްއާރްސީއެމް އިން ބުނީ ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ޚިދުމަތް ދިނުމުގެ ލައިސަންސްނެތި، ސިއްހީ ޚިދުމަތް ދިނުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، އެ ހާދިސާ ހިނގުމާ ހަމަޔަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކ. މާފުށީ ޖަލުގައި ސިއްހީ ޚިދުމަތްދިނުމަށް، ސިއްހީ ޚިދުމަތްދިނުމުގެ ލައިސަންސްއެއް ހޯދާފައި ނެތުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ޖިނާއީ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމެއްނޫންކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށެވެ. "މި މައްސަލާގައި މިހާރު ހުރި ހެއްކާ ގަރީނާއަށް ބަލާއިރު ޖިނައީ ނިޔަތާ ގުޅޭ އެއްވެސް ކަމެއް ސާބިތުނުކުރެވޭނެތީ މި މައްސަލަ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މި ކޮމިޝަނަށް އަނބުރާ ފޮނުވާފައެވެ،" އެޗްއާރްސީއެމް އިން ބުންޏެވެ. އެޗްއާރްސީއެމް އިން ބުނީ އެ މައްސަލައިގެ ތަހުގީގަށް ރިއާޔަތްކުރާއިރު، އަބްދުﷲ ރަޝީދު ސިއްހީ ހާލަތު ގޯސްވެ އެންމެ ފުރަތަމަ ކ. މާފުށީ ޖަލުން ފަރުވާ ހޯދާފައިވަނީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭގަނޑު ކަމަށެވެ. އަދި 2017 އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ގެނެވުމާ ހަމައަށް ތިން ފަހަރު މަތިން ކ. މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުން ފަރުވާ ފޯރުކޮށްދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. "ހަމައެހެންމެ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި އަބްދުﷲ ރަޝީދު އެޑްމިޓްކޮށް ނިޔައުވުމާ ހަމައަށް ގިނަ ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރެވިފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ،" އެޗްއާރްސީއެމް އިން ބުންޏެވެ. އެޗްއާރްސީއެމް އިން ބުނީ އެ މައްސަލާއިގެ ތަހުގީގަށް ރިއާޔަތްކުރާއިރު، މާފުށީ ޖަލުން އަބްދުﷲ ރަޝީދު ސިއްހީ ފަރުވާދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އަދި މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި އެވަގުތު އޭނާއަށް ފަރުވާ ފޯރުކޮށްދެމުންދިޔަ ދެ ޑޮކްޓަރުންވެސް ސިއްހީ ފަރުވާދިނުމުގައި އިހުމާލުވެފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ހޯދިފައިވާ ހޯދުންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ