މާލެ ސަރަޙައްދުން ނަގާ ކޮންމެ 3 ސާމްޕަލަކުން އެކަތި ޕޮޒިޓިވް: ޑރ.ޝަހީދު

މާލެ ސަރަހައްދުން ނަގާ ކޮވިޑް ސާމްޕަލް ތަކުގެތެރެއިން ކޮންމެ ތިން ސާމްޕަލަކުން އެއް ސާމްޕަލް ޕޮޒިޓިވްވާ ކަމަށް ޓެގް ޓީމްގެ މެމްބަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ ފާއިތުވި ތިން ހަފްތާއަށް ބަލާލި ކަމުގައި ވީނަމަވެސް ފެންނަމުންދަނީ ކޭސްތައް އިތުރުވަމުންދާ މަންޒަރު ކަމަށެވެ. ކޮންމެ ހަފްތާއެއްގަވެސް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ހުރީ ފަސްހާހުން މަތީގައިކަން ފާހަގަކުރައްވާ ޑރ.ޝަހީދު ވިދާޅުވީ މީގެކުރިން އާންމުކޮށް ހަފްތާއެއްގެ މައްޗަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު އުޅުނީ 900 ގައި ކަމަށެވެ. އަދި ފާއިތުވި ދެ ހަފްތާގައިވެސް ކޮންމެ ދުވަހަކު ޕޮޒިޓިވްވި މީހުންގެ އަދަދުވެސް އުޅެނީ 500 އިން މަތީގައިކަމަށާ އަދި މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި ކޭސްތައް ދުވާލެއްގެ މައްޗަށް އުޅޭނީ 700 އިން މަތީގައިކަން ޑރ ފާހަގަކުރެއްވިއެވެ.
ޑރ.ޝަހީދު ވިދާޅުވީ ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު ފަހެއް އިންސައްތައިން ފަންސަވީސް އިންސައްތަ އަށް އިތުރުވެފައިވާއިރު ސާމްޕަލް ޕޮޒިޓިވިޓީ ރޭޓުވެސް ކަންބޮޑުވާވަރަށް އިތުރުވެފައިވާކަމަށެވެ. އަދި މާލެ ސަރަޙައްދުން ޓެސްޓުކުރާ ކޮންމެ 3 ސާމްޕަލަކުން އެއް ސާމްޕަލް ނުވަތަ ތިން މީހަކުން އެކަކު ޕޮޒިޓިވްވަމުންދާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑރ.ޝަހީދު ވަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފާއިތުވި ތިން ހަފްތާގެތެރޭ އެޑްމިޓްކޮށްގެން 100 މީހުންނަށް ފަރުވާދެމުންދިޔައިރު މިހާރު 262 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށާ އޭގެތެރެއިން 16 މީހަކަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި މީގެތެރެއިން 10 މީހަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.
ޑރ.ޝަހީދު ވިދާޅުވީ އެޑްމިޓްކުރާ އެންދުތައް ފުރިގެން އެނދުތައް އިތުރުކޮށްފައިވާއިރު އެ އެނދުތައް ވެސް ފުރެމުންދާ ކަމަށާ މިޙާރުގެ ޕޮޒިޓިވްވާ ރޭޓަށް ބަލާއިރު މިއަށްވުރެވެސް ގިނަ އެނދު ބޭނުންވާނެ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ ވޯޑުތަކާއި، ހުޅުމާލޭ ހިޔާގައި އިތުރު އެރޭންޖްމަންޓްތަކެއް ހަދަމުންދާ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ