މާލެ ސަރަޙައްދުގައި ހަވީރު 06:00ން ފެށިގެން ހެނދުނު 06:00ށް އެއްގަމު އުޅަނދު ދުއްވުން މަނާ!

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި ހަވީރު 06:00ން ފެށިގެން ހެނދުނު 06:00ށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.
އެޗްޕީއޭއިން މީގެ ކުރިން އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިއެއް ގޮތުގައި ކަނޑައަޅާފައި އޮތީ ރޭގަނޑު 08:30ން ފެށިގެން ފަތިހު 04:30ށް ނަމަވެސް، ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދިއުމާއެކު، އަނެއްކާވެސް ފިޔަވަޅުތައް މިވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުކުރު ދުވަހު ނެރުނު އިއުލާނެއްގައި ބުނީ، މިވަގުތުން ފެށިގެން މާލޭ ސަރަޙައްދުގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރޭގަނޑު 11ން ފެށިގެން ފަތިހު 4:30ށް މާލެ ސަރަޙައްދުގައި ދަނީ ކާފިއު ވެސް ހިންގަމުންނެވެ.
އެހެން ނަމަވެސް، ސިފައިންނާއި ފުލުހުންނާއި، ފްރަންޓްލައިންގެ އޮފިޝަލުންނާއި، އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އިމަރޖެންސީކޮށް ޚިދުމަތްތައް ހޯދަންދާ ފަރާތްތައް އިސްތިސްނާވާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
އެޗްޕީއޭއިން މާލެ ސަރަހައްދުގައި ކާފިއު ހިންގަން ފެށިއިރު، މިހާރު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100ން މަތީގައެވެ. ފާއިތުވި 24 ގަޑިއިރު، މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 186 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ