ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން: މެމްބަރު އަލީ ހުސެއިން

ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށް މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް މައުލޫމާތު ހިއްސާކުރުމަށް ސަލާމަތީ ބާރުތަކަށް ހުޅުވާލާފައިވާ ވަގުތެއްގައެވެ. އަދި މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބަޔާނެއްވެސް ނެރެފައި ވަނިކޮށެވެ.
އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށެވެ.
ގައުމީ ދިފާއީ ބާރުގެ ފަރާތުން ކޮމިޓީއަށް ޖަވާބުދާރީވާނެ މިނިސްޓަރެއް ހުންނާނެ ކަމަށާއި، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރުވާން އެންގުމުން އެކަމަށް އިޖާބަ ނުދިނޭ ކިޔައި، ޖިނާއީ ދައުވާއެއްވެސް ނުކުރެވޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ސިފައިންނާއި ފުލުހުންނަށް ހުޅުވާލާފައިވަނީ މިދިޔަ މެއިމަހުގެ 29 އިން ފެށިގެންނެވެ.
ކޮމިޓީއަށް މައުލޫމާތު ހިއްސާކުރަން ބޭނުންވާ ސިފައިންނާއި ފުލުހުން އެމައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ އީމެއިލް އެޑްރެސްއަށް އީމެއިލް ކުރުމަށް ނުވަތަ ކޮމިޓީގެ ފޯނު ނަންބަރު 7798798 އަށް އެ މައުލޫމާތު ފޮނުވައިދިނުމަށް ވަނީ އެދިފައެވެ.
އަދި މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކުރަން ބޭނުންވާނަމަ، އެކަން ފާހަގަކުރުމުން އެ ފަރާތްތަކުގެ މައުލޫމާތު ސިއްރުކުރާނެ ކަމަށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބުނެފައިވެއެވެ.
މިފަދައިން މި މައުލުމާތުތައް ހިއްސާކުރުމަށް ހުޅުވާލާފައިވާއިރު، އެމްއެންޑީއެފުން ވަނީ މިކަމާއި ގުޅިގެން މިއަދު ބަޔާނެއް ނެރެ، ކޮމިޓީއަށް ވަކިވަކި ސިފައިން ޖަވާބުދާރި ކުރުވުމުގެ ބަދަލުގައި ޖަވާބުދާރީ ވާނީ އެ މުއައްސަސާއިން ކަމަށް ބުނެފައެވެ.
ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް" އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުސޫލުތަކާއި ޚިލާފު ކަމެއްކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ
މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާއީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ސިފައިންނަކީ އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ އިޚްތިޔާރު ލިބިފައިވާ ބައެއް ނޫންކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ