އަވަހަށް ސަލާމަތްކަން ހޯދާ!: މަސްތުވާތަކެތި ބޭނުން ނުކޮށް މަސްތުވެވެމުންގޮސް ތިއަވެއްޓެވެނީ ނަރަކައަށް!: މުފްތީ މެންކް

މިހާރުގެ ޢާންމު ޙާލަތަށް ބަލައިފިނަމަ ކޮންމެވެސް ބާވަތެއްގެ ގޭމެއް ފޯނުން ނުވަތަ އެނޫންވެސް ގޮތަކުން ނުކުޅެނީ މަދު މީހެކެވެ. އެއްބައަކު ނަމާދުވަގުތު ޖެހި ފާއިތުވެގެންދާއިރުވެސް ގޭމްކުޅުމުގައެވެ. އަނެއްބައަކު ގޭތެރޭގެ މަސައްކަތް ނުކޮށް ގޭމްކުޅުމުގައެވެ. އަނެއްބައަކު ވަޒީފާއަށް ނުކުމެ ގޭމްކުޅެނީއެވެ. 
ގޭމްކުޅުން މިހައިވަރަށް ޢާންމުވެގެން މިދިއައީ ކީއްވެގެންކަން ވިސްނޭ ހެއްޔެވެ؟  
އިބިލީސް އެންމެ މުހިންމު ކަމެއްގެ ގޮތުންކުރާ ކަމަކީ މީސްތަކުންގެ ވިސްނުން ﷲ ތަޢާލާ އާއި ދުރުކުރުވުމެވެ. ބަނގުރަލާއި މަސްތުވާތަކެތި މިހައި ބޮޑަށް ޢާންމުކުރުވާފައި މިވަނީ އެމަޤްޞަދު ޙާޞިލުކުރުމަށެވެ.  
ބަނގުރަލާއި މަސްތުވާތަކެތި މިހައިބޮޑަށް ޢާންމުވުމުންވެސް އިބިލީސް ހިތްހަމައެއް ނުޖެހުނެވެ. އެއީ އެތަކެތި ބޭނުންކުރުމަކީ ޙަރާމްކަމަކަށްވާތީ އާއި އަދި އެތަކެތި ބޭނުންކުރުމުން ލިބޭ ބޮޑު ގެއްލުން އެނގޭތީ އެކަންކަން ވިސްނި ބޭނުންނުކުރާ ބައަކު ތިބުމުންނެވެ. 
އިބިލީހުގެ ވިސްނުމުން ތަޢާރަފްކުރި ގޭމްތަކުގެ ސަބަބުން މަސްތުވަނީ އެއްޗެއް ބޮއިގެން ނުވަތަ ކައިގެނެއް ނޫނެވެ. ފޯނާއި ނުވަތަ އެހެންވެސް ޑިވައިސްއަކާއި ކުޅެލުމުންނެވެ. ދެން މިވީ ގޮތަކީ ﷲ ތަޢާލާ ޙަރާމްކުރެއްވެވުމުންނާއި އަދި އެއިން ލިބޭ ގެއްލުން ވިސްނި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންނުކުރަން ތިބި މީހުންގެ ތެރެއިން އެތައް ބައިވަރު ބައަކު ގޭމްކުޅުމަށް ދެވިހިފީއެވެ. 
ބަނގުރާ ބޮއިގެން ނުވަތަ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން މަސްތުވާއިރުވެސް މަސްތުވަނީ ތިމާގެ ސިކުނޑިއެވެ. ގޭމްކުުޅުމަށް މަސްތުވުމުންވެސް މަސްތުވަނީ ހަމަ ތިމާގެ އަމިއްލަ ސިކުނޑިއެވެ. ދެކަމުންވެސް އިބިލީހުގެ މަޤްޞަދު އެބަ ޙާޞިލުކުރެވެއެވެ. 
މީސްތަކުންނޭވެ! ގޭގައިހުރިނަމަވެސް މަސައްކަތުގެ މާޙައުލުގައި ހުރިނަމަވެސް ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ބަހައްޓާފައި ނަމަވެސް ނަމާދުގެ ވަގުތުޖެހުމުން ނަމާދުކުރަން އިސްކަންދޭށެވެ! ގޭމްކުޅުންފަދަ ތިމާ އާއި ﷲ ތައާލާ އާއި ދުރުކުރުވާ ކަންކަމުގައި ވަގުތު ހޭދަކުރަން ބޭނުންވެގެން ނަމާދުކުރުން ލަސްކުރަން ހެޔޮނުވާނެއެވެ. 
ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުވާ މީހުންނަށްވުރެ ގިނަވާނީ ގޭމްކުޅުން ފަދަ ކަންކަމުން އެމީހުންގެ ސިކުނޑި މަސްތުކުރުވާ މީހުންނެވެ. ވީމާ މީސްތަކުން މިދަނީ ޝައިޠޯނާގެ މަޅީގައި ޖެހެމުންނެވެ.  
ﷲ ތަޢާލާ އާއި މީހާއަށް ދުރުވެވޭކަން އެނގިގެންދާ ސަބަބުތަކުގެ ތެރޭގައި: ނަމާދު ވަގުން ކުރަން ލަސްކުރެވެން ފެށުމާއި ނަމާދުކުރަން ފަރުވާކުޑަކުރެވުމާއި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން މަދުވުންހިމެނެއެވެ. 
މިފަދަ ކޮންމެ ޙާލަތެއްގައިވެސް އެކަންކަމުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެފަދަ ކޮންމެ ޙާލަތެއް މެދުވެރިވިނަމަވެސް އޮތީ ޝައިޠޯނާގެ ކިބައިން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުމެވެ.
މިދުޢާއަކީ އަލްމުއްމިނޫން ސުރަތުގެ 97 ވަނަ އާޔަތާއި 98 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ދުޢާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ